މިނިވަން ދުވަސް އައިސް ބައްދަލުކުރި އިރު ޤައުމު އެކީ ދަރުވާލައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހާ ގުޅިގެން ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަން ދުވަސް އައިސް ދިވެހީންނާއި ބައްދަލުކުރިއިރު، ދިވެހީންގެ މަސްކަނޑު ވިއްކާލައިފިކަމަށާއި ދިވެހި ފަސްގަނޑުގައި އިންޑިޔާ ސިފައިން ދާއިމަށް "ބަނޑަހަ" ޖަހައިފިކަމަށެވެ.
އަދި ރައްޔިތުން ހުރިހާ ސްކީމަކަށް ދަރުވާލައި ނިކަމެތިކޮށްފައިވާއިރު ރައްޔިތުންނަށް ލިބޭ މުސާރަ 2 ދުވަސްތެރޭ ހުސްވާ ވަރަށް ތަކެތީގެ އަގު އުފުލައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުކޮށްފިކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، ޒުވާނުންނަކީ ޤައުމުގެ މުސްތަޤުބަލު ކަމަށްވާއިރު ޒުވާނުންގެ ބޮޑު އާބާދީއެއް މަގުގެެއްލުވާލައި ގޮތް ހުސްކޮށްލައިފިކަމަށް ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ "ވައްކަން ކުރުން މަޤާމުގެ ޝަރުތަކަށްވެ ޝަރަފުވެރިވެއްޖެ" ކަމަށެވެ.
މިހާރު ޤައުމީ ބަޠަލުންގެ ލަޤަބުދެވެނީ ޤައުމަށް ޣައްދާރުންވާ މީހުންނަށްކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެއެވެ. އަދި ޢަދުލުގެ ނިޒާމަކީ ސަރުކާރުން މޮޑޭ ސިޔާސީ ފުއްގަނޑަކަށް ވެއްޖެކަމަށާއި މިކަންތައް މިހެން ހުރި އިރު މިޤައުމުގައި އެއްވެސް މިނިވަންކަމެއް އޮތްތޯ ޝިޔާމްވަނީ ސުވާލުކުރައްވާފައެވެ.
އަދި މިކަންތައްތަކުން މި ޤައުމު ސަލާމަތްކޮށް، ޤައުމުގެ މި އަނދިރި ހާލަތު ބަދަލު ކުރެވޭނެ ހުންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް ޔާމީން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް ބޭނުންވާ މިނިވަންކަން ހޯދައިދެވޭނީ ހަމައެކަނި ރައީސް ޔާމީނަށްކަމަށް މި ސަރުކާރަށް އެނގޭތީ އެމަނިކުފާނު އެވަނީ ހުރަގެއަށްލައި "ޤައިދުކޮށްފައި" ކަމަށާއި މި ޤައުމު މިނިވަންވާނީ ރައީސް ޔާމީން މިނިވަންވެގެންކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައިވެއެވެ.
Ads by Allied Insurance