ފިރިމީހާ ދިން ކެވެލިކޮޅު ނޭޅިޔަސް އަބަދުވެސް ގެންގުޅެން: އާލިއާ
އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" މާދަމާ ރިލީޒް ކުރަން ހުރިހާ ކަމެއް އޮތީ ތައްޔާރުވެފަ އެވެ. އެ ފިލްމުގެ ކާމިޔާބީ މިހާރުއްސުރެއް އޮތީ ތާރީހުގެ ތެރޭގައި ލިޔަން ފެށިފަ އެވެ. ފިލްމު ރިލީޒް ކުރުމުގެ ކުރިން އެއަށް ކުރި 90 އިންސައްތަ ހަރަދު ވަނީ ލިބިފަ އެވެ.
ކަރަން ޖޯހަރު ޑައިރެކްޓު ކޮށްފައިވާ މިފިލްމު ޕްރޮމޯޓު ކުރަން އާލިއާ އާއި ލީޑް އެކްޓަރު ރަންވީރު ސިންގް ދަނީ އިންޑިއާގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަމުންނެވެ. ސޯޝަލް މީޑިއާގައިވެސް މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ރޮކީ އޯރު ރާނީގެ ވާހަކަ އެވެ. މިފިލްމުގެ ލަވަތައް އޮތީ ޗާޓުތަކުގެ އެންމެ ކުރީގަ އެވެ.
ފިލްމުގެ ޕްރޮމޯޝަން ކުރިއަށް ދަނިކޮށް ވޯގްއަށް ދިން އިންޓަވިއުއެއްގައި އާލިއާ ވަނީ އޭނާގެ ދަބަހުގައި އަބަދުވެސް ގެންގުޅޭ ވަރަށް ހާއްސަ އެއްޗަކާއި ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެއީ އާލިއާގެ އުފަން ދުވަހު ފިރިމީހާ ރަންބީރު ކަޕޫރު ދިން އަތުގައި އަޅާ ކެވެލިކޮޅެކެވެ. އޭނާ ބުނީ އެ ކެވެލިކޮޅު އަބަދު އަތުގައި ނޭޅިއެއް ކަމަކު އޭނާގެ ދަބަހުގައި އަބަދުވެސް އޭތި ގެންގުޅޭ ކަމަށެވެ.
"ދަބަހުގަ ގެންގުޅެނީ ބޭނުންވާ ކޮންމެ ފަހަރަކު އެޅޭނީ އޭރުން. މީ ވަރަށް ހާއްސަ ހަދިޔާއެއް" އާލިއާ ބުންޏެވެ.
އާލިއާ އޭނާގެ ދަބަހުގައި ގެންގުޅޭ އެއްޗެހި ބެލުންތެރިންނަށް ދައްކައިލި އެވެ. އެގޮތުން ބޮލުގައި އައްސާ ވޫލްކޮޅު ގިނަ އަދަދަކަށް އޭނާ ގެންގުޅޭއިރު އައި މާސްކާއި، މޮއިސްޗުރައިޒާ، ސަންސްކްރީންގެ އިތުރުން އަވި އައިނެއް ދަބަހުގައި އޮތެވެ.
އާލިއާ އަކީ ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ޑިމާންޑިންގް އެއް ބަތަލާ އެވެ. ދާދި ފަހުން އޭނާ ވަނީ ހޮލީވުޑްގައިވެސް ޑެބިއު ހަދައިފަ އެވެ.