ހޮޑުލައި ބޭރަށް ހިންގުމުގެ ރޯގާއަކީ ކާ އެއްޗެއްގެ ސަބަބުން ފެތުރޭ އެއްޗެއް ނޫން: އެޗްޕީއޭ
މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ރޯގާ އަކީ ކާ އެއްޗެއްގެ ސަބަބުން ފެތުރެމުންދާ ރޯގާއެއް ނޫންކަމަށާއި އެ ރޯގާ ފެތުރެމުންދާ ސަބަބު މިހާރު ހޯދަން މަސައްކަތްކުރާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ މި ބަލި ކުއްލިއަކަށް ފެތުރެމުންދާއިރު މިއީ ވައިރަހެއްކަމަށް ބެލެވޭކަމަށާއި ހުރިހާ ބޭފުޅުންވެސް މިބަލިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ރޯގާޖެހި ގިނަ ޑޮކްޓަރުންނާއި ނަރުހުންވެސް ތިބީ "ސިކް ލީވް" ގައި ތިބިކަމަށާއި ބަލި ޖެހިގެން ހޮސްޕިޓަލްގައި ގިނަ އަދަދެއްގެ ކުޑަކުދިން ފަރުވާ ހޯދަމުން ދާކަމަށާއި ހޮސްޕިޓަލްގެ އިމަޖެންސީވެސް ފުރިފައިވާކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ އަހުމަދު ފައިސަލްވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވަނީ, އޭޑީކޭގައި ހޮނޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ގިނަ އަދަދެއްގެ ކުދިން ދައްކަމުން އަންނަ ކަމަށާއި ބޯފެނަކީ ތަޣައްޔަރުވެފައި ނުވާ ފެނެއް ކަމަށް ޔަޤީން ކޮށް ބޯފެން ފިލްޓަރު ނުވަތަ ކައްކައިގެން ބުއިއެއް ވަނީ އިރުޝާދު ދެއްވާފައެވެ.
ބޭރަށް ހިނގުމުގެ އަލާމާތެއް ފެނިއްޖެ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށާއި ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ ގޭގައި ތިބުމަށާއި ބަލީގެ އަލާމާތްތައް ފެންނަތާ 24 ގަޑިއިރު ވަންދެން ކާއެއްޗެހި ނުކެއުން ނުވަތަ ސާވް ނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގިނަގިނައިން އަތް ދޮވުމަށާއި މީހަކަށް ހޮޑުލެވި ނުވަތަ ބޮޑުކަމުޖެހިފައިވާ ތަނެއް ހުރިނަމަ އެތަނެއް ސާފުކޮށް ޑިސްއިންފެކްޓް ކުރުމަށާއި މީހުން އެއްވެ އުޅޭ ތަންތަނުން ދުރުހެލިވުމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ މިދުވަސްވަރު ބޭސްފަރުވާ ހޯދަން ނޫންގޮތެއްގައި ގެއިން ބޭރަށް ނުދިޔުމަށާއި މީހުން އެއްވެ އުޅޭ ތަންތަނުން ދުރުހެލިވުމަށާއި ހޮޑުލެވި ކުޑަކަމުދެވޭ މިންވަރު މަދުވެ، ވަރުބަލިވެ ނުވަތަ ބޯއަނބުރައި ކަމެއްވާނަމަ ވަގުތުން ފަރުވާ ހޯދުން މުހިންމުކަމަށެވެ. އަދި ގިނަގިނައިން އޯއާރުއެސް ބޭނުންކުރުމަށްވެސް އެދިފައިވެއެވެ