ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލް ޤައްޔޫމުގެ ކެނޑިޑަސީގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުން، ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

Ads by STELCO

ރައީސް ޔާމިންގެ ރަނިންމޭޓު އަދި އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށާއި، އިރާދުކުރެއްވިއްޔާ ޙައްގަށް ނަޞްރު ލިބިގެންދާނެކަމަށެވެ.

ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައި ސޮއިކުރެއްވި ފޯމް އީސީ އަށް ހުށަހަޅާފައިވަނީ އިއްޔެއެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޤަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއް ނޫން ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފައިވާއިރު، އީސީން ޕީޕީއެމަށް ފޮނުވި ލިޔުމެއްގައި ބުނީ، ރައީސް ޔާމީންގެ ފޯމްގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކް ކުރި އިރު، ޤާނޫނު އަސާސީ އާއި އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނު އަދި ރިޔާސީ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ޤަބޫލު ކުރެވެން ނެތް ކަމަށެވެ.

ރައީސް ޔާމީން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން ޤަބޫލު ނުކުރި ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، އެމަނިކުފާނުހެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ޙުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އީސީން ވަނީ ނިންމައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!