ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް އާއި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝިހާބު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.
މި ދެ ބޭފުޅުން އެ ޕާޓީއަށް ސޮއިކުރެއްވީ މިއަދު ޖޭޕީގެ މައި އޮޕީސް މ. ކުނޫޒްގައި ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައެވެ. ގާސިމް ވިދާޅުވީ، މި ދެ ބޭފުޅުން ޖޭޕީއާއި ގުޅިވަޑައިގަތުމުން ލިބިވަޑައިގަތް ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ސޮއިކުރެއްވުމަށް ފަހު ޝިހާބު ވިދާޅުވީ މައިގަނޑު މަސައްކަތަކަށް ވާނީ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓަށް ރާއްޖޭގެ ރައީސަކަށް ވުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ.
އަދި ނާޒިމް ވިދާޅުވީ ގައުމު ރަނގަޅު މަގަކަށް ގެންދަން އަދި އެއްފަހަރު މަސައްކަތް ކުރަން ޖެހޭ ކަަމަށާއި ގައުމުގެ މިސްރާބު ބަދަލުކުރުމުގެ ބާރު ޖޭޕީގައި އެބައޮތް ކަމަށެވެެ.
ނާޒިމް އާއި ޝިހާބު ޖޭޕީއަށް ސޮއިކޮށްފައިވާއިރު ގާސިމްގެ ރަސްމީ އިންތިހާބީ އެޖެންޓަކަަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އެ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު ވަނީ ހަމަޖައްސައިފައެވެ.