ބޮލީވުޑް މުނިފޫހިފިލުވުން

މުސްކުޅި މަހުޖަނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކައަށް ސުޝްމިތާ ޖަވާބެއް ނުދިން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބަތަލާ ސުޝްމިތާ ސެން ލަލިތު މޯދީ އާއިއެކު

އިންޑިއާގެ މަހުޖަނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ސީދާ ކޮމެންޓެއް ކުރަން ބޮލީވުޑް ތަރި ސުޝްމިތާ ސެން ދެކޮޅު ހަދައިފި އެވެ.

މިސް ޔުނިވާސްގެ ތާޖުވެސް އުފުލާލާފައިވާ ސުޝްމިތާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ބައިވެރިޔާ ރޯމަން ޝޯލްއާއި ގުޅުން ކަނޑާލައިފަ އެވެ. އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވެ އައިޕީއެލްގެ ކުރީގެ ޗެއާމަން ލަލިތު މޯދީ ވަނީ ސުޝްމިތާއާއިއެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މީޑިއާގައި އިއުލާންކޮށްފަ އެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް މިވާހަކައަށް ސުޝްމިތާ ކޮމެންޓެއް ނުކުރެ އެވެ.

މިހާރު ރިލީޒްކުރަން ތައްޔާރުވަމުންދާ ވެބް ސީރީޒް "ތާލީ" ގެ ޕްރޮމޯޝަން އިންޓަވިއުއެއްގައި ލަލިތާއި އޮންނަ ގުޅުމާއި ގުޅޭގޮތުން ސުޝްމިތާ އާއި ސުވާލު ކުރެވުނެވެ. ޖަވާބުގައި އޭނާ ބުނީ އޭނާއަކީ ފައިސާގެ ދަހިވެތިކަމުގައި މުސްކުޅިއަކާއި ގުޅިގެން އުޅޭ މީހެއްކަމަށް ވަރަށް ގިނަ މީހުން ވާހަކަ ދައްކާކަން އިނގޭ ކަމަށެވެ. އެހެންނަމަވެސް އެކަމާ ފަރުވާލެއް ނެތްކަމަށާއި އެމަލާމާތް ރައްދު ވިޔަސް އޭނާ ހުރީ ސިންގަލްކޮށް ކަމަށް ސުޝްމިތާ ބުންޏެވެ.

ސުޝްމިތާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ލަލިތު ބުނެފައިވަނީ ކީއްވެތޯ އެހުމުން އެވާހަކައަށް މިފަހަރުވެސް ސުޝްމިތާ ކޮމެންޓެއް ނުކުރި އެވެ. އޭނާ ބުނީ އެއީ މީހަކާއި ބެހޭ ކަމެއް ނޫނޭ ބުނަން ބޭނުންވާ ކަމަށާއި އެކަމަކު އެހެން ނުބުންޏަސް އެވާހަކަ ދައްކާ މީހުންނަށްވެސް އެވަރު ވިސްނޭނެކަމަށެވެ.

އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ލަލިތު މޯދީގެ އުމުރަކީ 59 އަހަރެވެ. ސުޝްމިތާ އޭނާއަށްވުރެއް 12 އަހަރު ހަގެވެ. މިދެމީހުން އެކީގައި ނަގާފައިވާ ބައެއް ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ސުޝްމިތާ ފިލްމަކުން ނުފެންނަތާ 8 އަހަރު ވެއްޖެ އެވެ. އެހެންނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ހޮޓްސްޓާގެ ވެބް ސީރީޒް "އާރްޔާ" އިން އޭނާ ދަނީ ފެންނަމުންނެވެ. މިހާރު ރިލީޒްކުރަން ތައްޔާރުވާ "ތާލީ" ދައްކަން ހަމަޖެހިފައިވަނީ ޖިއޯސިނަމާ އިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!