ޕްލޭން އޭބިސީ ކިޔުއްވާނެކަމެއްނެތް. ޑރ މުއިއްޒުއާ މެދު ކަންތައްކުރެވެނީ ވަރަށް ބޭއަދަބީކޮށް: އަލީ ޒައިދު
ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ޓިކެޓުގައި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން އިންތިޚާބުވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާ މެދު ކަންތައްކުރެވެނީ ވަރަށް ބޭއަދަބީކޮށް ކަމަށާއި ޕްލޭން އޭބީސީ ކިޔުއްވާނެކަމެއްނެތްކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. މުއިއްޒުއާމެދު ބޭއަދަބީކޮށް ކަންތައްކުރެވެމުންދާކަން ރައްޔިތުންނަށް ފެންނަކަމަށާއި އެއީ ހަމަ ސީދާ ގަންހިންގުވަން ކުރާ މަސައްކަތްކަމަށެވެ. އަދި މީހަކު ދަށްކޮށްލުމުގައިވެސް ޙައްދެއް އޮންނަންވާނެކަމަށާއި މުއިއްޒުއާމެދު އެހާ ރަޙުމުކުޑަކޮށް ކަންތައް ކުރެވިގެންދާތަން ފެންނަނީ ކީއްވެގެންތޯ އަލީ ޒައިދުވަނީ ސުވާލުކުރައްވާފައެވެ.
މީގެ އިތުރުން ޒައިދު ވިދާޅުވީ އެވަރުގެ "ލަޑެއް" ގާތުގައި ތިބި ބަޔަކު ދިނުމަކީ ވަރަށް ލަދުވެތިކަމެއްކަމަށާއި މިކަމަށް ޕްލޭންކޮށްގެން ތިއްބަވައި ޕިޕީއެމް/ޕީއެންސީ އަށް ބަދަލުކުރައްވާފައިވާކަމަށެވެ. އަދި މުއިއްޒުއާމެދު ކަންތައްކުރަނީ ޢަދުއްވަކާއިމެދުވެސް ކަންތައް ނުކުރައްވާނެހާ ނިކަމެތިކޮށް ކަމުގައި ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލައިގައި އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހުގައި، ޕީޕީއެމްގެ ޕްލޭން އޭ އަކީ ރައީސް ޔާމީން ވާދަ ކުރެއްވުން ކަމަށާއި، ބީ އަކީ، އެމަނިކުފާނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރުން ކަމަށާއި އަދި ޕީއެންސީގެ ފަރާތުން ރިޔާސީ ޓިކެޓު އަރުވައިފައިވާ، ޑރ.މުޙައްމަދު މުޢިއްޒު ވާދަ ކުރެއްވުމަކީ ޕްލޭން ސީ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ޕީއެންސީން ވާދަކުރާނީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެހެންނަމަވެސް އިދިކޮޅުގެ ލީޑަޝިޕުން ބަރޯސާވަނީ އެހާލަތުގައި ނެރޭނެ ޕީޕީއެމްގެ ކެނޑިޑޭޓަކަށެވެ. އެކަމަށް ވަކި ނަމެއް އަދި ފެންމަތިކޮށްފައި ނުވެ އެވެ.
މިކަމާ ގުޅިގެން، ޒައިދު ވިދާޅުވީ ފެނިގެން މިދަނީ މުއިއްޒުއާއިމެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރާ މަންޒަރުކަމަށާއި މިއީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށެވެ.