އެމްޑީޕީ، ދަ ޑިމޮކްރެޓްސް އަދި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ފޯމު މިއަދު ހުށަހަޅަނީ
ސެޕްޓެންބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ)، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ނިންމައިފި އެވެ.
އެމްޑީޕީން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު، އެމްއެންޕީން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަދި ޑިމޮކްރެޓްސް އިން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު ހުށަހަޅަން ނިންމާފައިވާއިރު ރައީސް ޞާލިޙު އަދި ނާޒިމްގެ ފޯމު މިއަދު ހެނދުނުގެ ވަގުތެއްގައި، ދަރުބާރުގޭގައި ހުންނަ އިންތިހާބީ މައި މަރުކަޒަށް ހުށަހަޅާނެކަމަށް މައުލޫމާތުލިބެއެވެ.
ރައީސް ޞާލިޙުގެ ކެންޑިޑެސީ ފޯމު މިއަދު ހުށަހަޅުއްވާއިރު، އެމަނިކުފާނު ވަނީ މި އިންތިހާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިއްޔެ ހަމަޖައްސަވާފަ އެވެ.
ހަމައެއާއެކު، ނާޒިމްވެސް ވަނީ އެބޭފުޅާގެ ރަނިން މޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސަވާފަ އެވެ.
ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މުއްދަތު މާދަމާގެ މެންދުރުފަހު 2:00 އަށް ހަމަވާއިރު މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނެވެ.
އެހެންނަމަވެސް، އެމަނިކުފާނުގެ ފޯމު އީސީން ބަލައިނުގަނެއެވެ. އެ މައްސަލަ ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް ވައްދާފައިވާއިރު މައްސަލާގެ ހުކުމް އިއްވުން މިއަދު ހެނދުނު 10:00 ގައި އޮންނާނެ އެވެ.