ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ރަނިންމޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހަމަޖެއްސެވުމަކީ، އެންމެ ރަނގަޅު ނިންމުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖްލީސް މެންބަރުކަން ކުރައްވަމުން ގެންދަވާ އަސްލަމް ރަނިންމޭޓަކަށް ހަމަޖެއްސަވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެކަމާ ގުޅިގެން އަދާލަތުން މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓަކާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން ވަނީ އަސްލަމް އަކީ ހިކުމަތްތެރި އަދި ކެއްތެރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެއްބުރުން ކާމިޔާބުކުރުމަށް އަސްލަމް އަކީ އެންމެ ރަނގަޅު ހޮވުން ކަމުގައި ވިދާޅުވެފައެވެ.
ރައީސް ޞޯލިޙުގެ ރަނިންމޭޓަކަށް މި ފަހަރު އަސްލަމް ހަމަޖެއްސެވިއިރު، މިހާރުގެ ނާއިބު ރައީސްގެ މަޤާމުގައި ހުންނެވި ޖޫމްހޫރީ ޕާޓީއަށް ނިސްބަތްވާ ފައިސަލް ނަސީމް ރަނިންމޭޓަށް ހަމަޖައްސަވާނެކަމަށް ވަނީ އަޑު ފެތުރިފައެވެ. މި ލިސްޓުގައި ދެން ހިމެނިފައިވަނީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ.
މި ފަހަރު އެމްޑީޕީގެ ކޯލިޝަން ބައިވެރިންނަކީ އަދާލަތުގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އެވެ.
އެމްޑީޕީން ފޮދިއެއްޖެހިޔަސް މިަދހު ކަލެއަށްވާނީ އެއީ އެންމެ ވަސްމީރު އެންމެ ހެޔޮފޮޑިަށް. މުނާފިގު.