ފުރަަތަމަ 100 ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ މުސާރަ 75 ޕަސެންޓަށް ބޮޑުކޮށްދޭނަން: ޤާސިމް
ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ވެރިކަަމަށް އަންނަތާ 100 ދުވަސް ތެރޭ ފަނޑިޔާރުންގެ މުސާރަ 75 ޕަސެންޓަށް ބޮޑުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ރިޔާސީ މެނިފެސްޓޯ ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ފަނޑިޔާރުންނަށް މުސާރަ އެންމެފަހުން ބޮޑުވީ އޭނާ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ކަމަށާއި ކޮންމެ ބޭފުޅަކު ވެސް ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ދައްކާ ވާހަކައަކީ ރާއްޖޭގެ ޝަރުއީ ނިޒާމު ހައްލު ކުރުމުގެ ވާހަކަ ކަމަށެވެ.
އަދި ފަނޑިޔާރުންނަށް އެކަށީގެންވާ ގޮތެއްގައި ތަމްރީނުތައް ދެވިފައިނުވާ ކަމަށާއި ރަނގަޅު މުސާރައެއް ވެސް ނުދެވޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން ވެރިކަމަށް އައިސް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަނޑިޔާރުންނަށް މިހާރު ލިބެމުންދާ މުސާރަ އިތުރު 75 އިންސައްތަ ބޮޑު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
" ވެރިކަމުގެ ފުރަތަމަ 100 ދުވަސްވާއިރު އެބޭފުޅުންގެ މުސާރަ މިހާރު އޮތް ވަރުގެ 75 ޕަސެންޓް އެއަށް އިތުރުކޮށްދޭނަން،" ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ފަނޑިޔާރުގޭގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ 35 ޕަސެންޓަށް ބޮޑު ކުރާނެ ކަމަށާއި އިމާމުންގެ މުސާރަ ވެސް ބޮޑުކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
މިހާރު ކުރިޔަށްދާ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗްކޮށްދެއްވީ ޤާސިމްއެވެ. ޖޭޕީން ވިދާޅުވީ ޤާސިމް ތަހުޒީބު މަންޒިލަކަށް ދިވެހިރާއްޖެ ހެއްދެވުމަށް ގެންގުޅުއްވާ ތަސައްވަރުގެ މުހިންމު ވައުދުތައް ބިނާވެފައިވަނީ މައިގަނޑު ނުވަ ދާއިރާއެއްގެ މައްޗަށް ކަމަށެވެ.