އެމްޑީޕީ ކޯލިޝަންގައި އަމިއްލަ އެދުމުގައި އުޅޭ ބަޔަކު ނެތް، ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން: ރައީސް ޞާލިޙު
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ދެވަނަ ދައުރެއް ހޯއްދަވަން މަސައްކަތްކުރައްވަނީ އަމިއްލަ އެދުމެއް އޮވެގެން ނޫންކަމަށާއި ބޭނުންފުޅުވަނީ ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯއްދަވައިދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތަކަށް ރާއްޖެތެރެއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި ނ އަތޮޅަށް ވަޑައިގެން އެ އަތޮޅު ކުޑަފަރީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން، ސިޔާސީ އިޞްލާހީ މަސައްކަތް އަދި ނިމުމަކަށް ނާންނަކަމަށާއި އެކަމުގައި އަދިވެސް ކުރަންޖެހޭ ބައިވަރު މަސައްކަތް އެބަހުރި ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ބިންގާ އެޅިފައިވާކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙު ވިދާޅުވީ ދެން ކުރިއަށް އޮތީ އެމަސައްކަތްތައް ރަނގަޅަށް ކުރިއަށް ގެންދިޔުމެވެ.
އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިތިބި 8 ކެންޑިޑޭޓުންނަށް ބަލާއިރު މިނެކިރާލަން މިއީ ރަނގަޅު ފުރުސަތެއްކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީއަކީ ސިޔާސީ ތަޖުރިބާ އެންމެ ކުރިއަރާފައިވާ ކޯލިޝަންކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙު ދާޅުވީ އެ ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް އާއި ރައީސް ޞާލިޙުގެ ރަނިންގ މޭޓު މުޙައްމަދު އަސްލަމް މިހިސާބަށް އައީ ރައްޔިތުންގެ މަޖިލީހުގެ 4 އިންތިޚާބު ކާމިޔާބުކުރައްވައިގެން ކަމަށާއި އެބޭފުޅުން އެއިން ކޮންމެ ފަހަރަކުވެސް ކޮންމެ ރައްޔިތެއްގެ ގާތަށް ވަޑައިގެން އެ ރައްޔިތުންގެ އިޙްސާސް އަޑުއެއްސެވި ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޞާލިޙުވެސް މި ހިސާބަށް ވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރައްވާފައިކަމަށާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މެދުނުކެނޑި 30 އަހަރު މަސައްކަތްކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޝިޔާމް އަޅުގަނޑުމެންނާއިއެކީ ބައިވެރިވަޑައިގެން އެ އިންނެވީ ހަތަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު. އަޅުގަނޑުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވެސް ހަތަރު ފަހަރު ކާމިޔާބު ކުރެއްވި. އަޅުގަނޑު މިތަނަށް އައިސް މިހިރީ ރައްޔިތުންގެ މަޖިލީހުގެ ފަސް އިންތިހާބާ ރިޔާސީ އިންތިހާބެއް ކާމިޔާބު ކޮށްގެން،" އެ ތިން ބޭފުޅުންނަށް ބައްލަވާލެއްވިޔަސް ރައްޔިތުންގެ ހިތުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭނެ ކޯލިޝަނަކީ އެމްޑީޕީކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙު ވިދާޅުވިއެވެ.
"މި ކޯލިޝަނަކުންނެއް މިދަންނަވާހެން ފަޅެއްގެ ބޭނުމުގަ، ރަށެއްގެ ބޭނުމުގަ، ނޫނީ ސަރުކާރަށް ދައްކަން އޮތް ފައިސާ މައާފުކުރަން އެދޭނެ އެއްވެސް މީހެއް ނެތް،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ކުޑަފަރީ އަކީ އިޖްތިމާޢީ ރޫޙު ގަދަ އެކަކު އަނެކަކާއި ގުޅިގެން، ކައުންސިލާއިވެސް ގުޅިގެން މަސައްކަތްކުރާ ބަޔަކު އުޅޭ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެ ރަށުގެ އެންމެންނަކީވެސް ތިމާވެއްޓާއި ގުޅޭހެން ތަރައްޤީގެ މަސައްކަތްތައް ކުރުމަށް އިސްކަންދޭ ބަޔެއްކަމަށެވެ.
ވޭތުވެދިޔަ ސަރުކާރުތަކުން ނުކުރާ ވަރަށް މި ސަރުކާރުން މި ދައުރުގައި މަސައްކަތްތައް ރައްޔިތުންނަށް ކޮށްދީފައިވާކަމަށާއި އަމާން ރާއްޖެއަކާއިގެން މި ދައުރަށް ނުކުންނަ އިރު އެމްޑީޕީން ހާމަކުރެއްވި ސިޔާސަތުތަކަށް ރައީސް ޞާލިޙް އަލިއަޅުވާލެއްވިއެވެ. އެގޮތުން 12 ސިޔާސަތެއްގެ އެމްޑީޕީން ހާމަކޮށްފައިވާއިރު ތައުލީމީ ނިޒާމަށް ބަލާއިރުވެސް މިއިން ޒަމާނަކު ރާއްޖޭގައި ތައުލީމީ ނިޒާމަށް އިސްކަން ނުދެވުނު ވަރަށް މި ސަރުކާރުން އިސްކަންދީފައިވާކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
އަދި ބޯހިޔާވަހިކަމަކީ ރައްޔިތުން އެދޭ އެންމް މުހިންމު ކަން ކަމަށާއި ކުޑަފަރީއަކީވެސް އެކަމަށް ބޭނުންވެފައިވާ ކަން ރައީސް ޞާލިޙު ވިދާޅުވިއެވެ. އެގޮތުން އެ ރަށުގައި 200 އާއިލާ އެކަމަށް ބޭނުންވެފައިވާކަމަށާއި އެކަމަށް ހައްލެއް ހޯދައިދޭން ރޯހައުސް އަޅުއްވައިދެއްވާނެކަމަށް އެމަނިކުފާނު ވައުދުވެޑައިގަތެވެ.
މީގެ އިތުރުން އެރަށަށް ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގައި، އެ ރަށު ސުކޫލުގައި ސައިންސް ލެބެއް އެޅުމާއި، މަގުތައް ތިމާވެއްޓާއި ގުޅޭގޮތައް ތަރައްގީކުރުމާއި، އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމާއި، އެ ރަށު އާ ސިއްޚީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާއި އަދި އެ ރަށު ސާފިންގ ޕޮއިންޓު ހިމާޔަތްކޮށްދިނުން ހިމެނެއެވެ.