ކުރިއަށް އޮތް ދައުރުގައިވެސް ހެނބަދޫއަށް ކޮށްދެއްވާނެކަމަށް ވިދާޅުވެ ރައީސް ޞާލިޙުވަނީ ވައުދު ތަކެއް ވެވަޑައިގެންފައެވެ. އޭގެތެރޭގައި ބިން ހިއްކާ ބޯހިޔާވަހިކަން ހައްލުކޮށްދީ، ރައްޔިތުން ބޭނުންވާ ފަދަ ބޮޑު ހުކުރު މިސްކިތެއް އަޅައިދިނުމަށް ރައީސް ވައުދުވި އެވެ. އަދި ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައިދީ، ރަށުގެ ކޯޓާއި އޮފީސް އެއް ބިމަކަށް ގެނެސް އޮފީސް ކޮމްޕްލެކްސްއެއް އަޅައިދީ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވެރިކަމަށް އައުމަށްފަހުގައި މަސައްކަތްކުރަންވާނީ ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާލިބޭ ގޮތަށް: ރައީސް ޞާލިޙް
ވެރިކަމަށް އައުމަށްފަހުގައި މަސައްކަތްކުރަންވާނީ ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާލިބޭ ގޮތަށްކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭންތަކަށް ރާއްޖެތެރެއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި ނ އަތޮޅަށް ވަޑައިގެން އެ އަތޮޅު ހެނބަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރައްޔިތުން ބޭނުންވާ އަސާސީ އެންމެ ކުޑަ ހިދުމަތަށްދާންދެން ކޮށްދިނީ މި ސަރުކާރުންކަމަށާއި ހެނބަދޫގައި އިންސާނުން ދިރިއުޅޭކަން ކުރީގެ ސަރުކާރުތަކަށް އެނގޭކަމާމެދު ސުވާލު އުފެދޭކަމަށެވެ.
ހެނބަދޫއަކީ ލަފާފުރުން އެހާ ދަތި ރަށެއްކަމަށާއި، ފެނެއް ނަރުދަމާއެއް ކަރަންޓެއް އެ ރަށުގައި ނެތްކަމަށާއި އެ ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ވައުދާއެކު އެރަށަށް 2018 ގައި ރައީސް ޞާލިޙް ވަޑައިގަތުމުން އެކަން ހެނބަދޫ ރައްޔިތުންނަށް އޭފު ޤަބޫލުނުކުއްވުނު ނަމަވެސް މިއަދު އެ މަންޒަރު ބަދަލުވެއްޖެކަމަށެވެ.
ރައްޔިތުންނަށް އެ އިތުބާރު ނުކުރެވުނީ ކުރީގެ ސަރުކާރުތަކުން ކަން ކޮށްފައި އޮތް ގޮތުން ކަމަށާއި މި ސަރުކާރުން ކުރިއަށް އޮތްތަނުގައި ވާ ވައުދުތައް ފުއްދައިދޭނެކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް މިހާރު އެބައޮތް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އަދި ރައްޔިތުން އިންތިހާބު ކުރާ ސަރުކާރެއް މަސައްކަތް ކުރަންވާނީ ތަފާތު ހިޔާލުގެ މީހުންނާއެކު މަޝްވަރާކޮށްގެން ކަމަށާއި ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގެންނެވީ 58 ޕަސެންޓާއެކުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އާބާދީގެ އަނެއްބައި އޭރު އޮތީ އެމަނިކުފާނާއި އެއް ޚިޔާލެއްގައި ނޫންކަމަށެވެ.
"ހަމައެކަނި އަޅުގަނޑުމެންނަށް ފެންނަ ގޮތް އެއީ ހަމައެކަނި ކަންކުރަންވީ ގޮތްކަމަށް ބަލައިގެން ކުރާކަމަށް ވަންޏާ އާބާދީގެ ބޮޑު ބައެއް އެވަނީ ބާކީ. ވެރިކަމަށް އައުމަށްފަހުގައި މަސައްކަތްކުރަންވާނީ ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާލިބޭ ގޮތަށް. އަޅުގަނޑުމެން ކުރަމުން މިދަނީ އެގޮތަށް. ވަކި ރަށެއް، ވަކި ސިޔާސީ ފިކުރެއް އެއީ ކަންކަން ކުރުމުގައި އަޅުގަނޑުމެން އެކަހެރި ކުރާނެ ކަމެއް ނޫން. މިއަދު ރާއްޖޭގެ ހުރިހާ ރަށަކުން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އެމަންޒަރު. ކުޑަ ރަށެއް، ބޮޑު ރަށެއް، އާބާދީ މަދުން އޮތް ރަށެއް، އާބާދީ ގިނައިން އޮތް ރަށެއް، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ނުބަލަން"