ރައީސް ޔާމީންގެ ޖޫރިމަނާ ފަސްކުރަން ކުރި އަމުރު އިސްތިއުނާފު ނުކުރަން ޕީޖީން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އައިސްފައިވާ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރަން ހައި ކޯޓުން ކުރި އަމުރު އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު އަދަބަކާއިއެކު 5 މިލިއަން ޑޮލަރުން ރައީސް ޔާމީން ޖޫރިމަނާކުރަން ހުކުމްކޮށްފައެވެ.
މިހުކުމުގެ އިސްތިއުނާފު މަރުހަލާ ކުރިއަށް ދާތީ އެ ހުކުމް ފަސްކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފައެވެ.
07 އޯގަސްޓު 2023 ގައި ހުށަހެޅި އެ މައްސަލައާއި ގުޅިގެން ހައި ކޯޓުން ނިންމީ ޖަލު އަދަބު ފަސްކުރުމަކީ ގާނޫނޫ ދަންނަކަމެއް ނޫންކަމުން އަދަބު ފަސް ނުކުރުމަށެވެ. އެހެންނަމަވެސް ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރަން ހައި ކޯޓުން އަމުރު ކުރިއެވެ.
އެކަމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ ހައިކޯޓުން ނެރެފައިވަނީ ވަގުތީ އަމުރެއްކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް 16 އޯގަސްޓު 2023 އަށް ތާވަލުކޮށްފައިވާތީ އިސްތިއުނާފު މައްސަލައިގައި ވަކި ގޮތެއް ނިމުމުން ވަގުތީ އަމުރުވެސް ނިމުމަކަށް އަންނާނެ ކަމަށެވެ. އެހެންކަމުން ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރު އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފައެވެ.
ފައިސާ ކޮޅެއް ލިބުނީތޯ އެއިގެ ތެރެއިން !