ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަހެރި ކުރާނަން: ނާޒިމް

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯއްދަވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް ވިދާޅުވީ އޭނާއަށް މި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެކަހެރިކޮށް، އެމީހުނަށް ރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން މެނުވީ ރާއްޖޭގައި ނުހުރެވޭނެ ގޮތް ހަދާނެކަމަށެވެ.
އޭނާ ވިދާޅުވީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ދެ އިޚްތިޔާރެއް ދޭނެކަމަށާއި، އެއީ ރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން އުޅުން ނުވަތަ ޤައުމަށް އަނބުރާ ދިއުންކަމަށެވެ.
"އަޅުގަނޑު ހަވާލުވާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ރަށެއްގައި ތިބި ޤާނޫނާ ހިލާފަށް އުޅޭ ބިދޭސީ ހުރިހާ މީހުން އެކަހެރިކުރާނަން،" އޭނާ ވިދާޅުވި އެވެ.

އެމްއެންޕީން ލ. ގަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެންޕީ
މީގެ އިތުރުން ނާޒިމް ވިދާޅުވީ ކެންޕެއިންގެ މި ދަތުރުތަކުގައި ދެވުނު ގިނަ ރަށްރަށުގައި ދިވެހިން ތިބީ ވަޒީފައެއް ނުލިބިފައިކަމަށާއި އޭގެ ބަދަލުގައި މަސައްކަތްކުރަނީ ބިދޭސީންކަމަށެވެ. އަދި ބިދޭސީން އެކަހެރި ކުރަން ގަސްތުކުރަނީ އެމީހުނަށް އިހާނެތިކޮށް ހިތަން ނޫންކަމަށާއި، މިކަމަށް ހައްލެއް ގެނައުމުގެ ނިޔަތުގައި ކަމަށެވެ.
"އަޅުގަނޑު އެހަކަށް ދުވަހު ށ. ފީވަކަށް ދިޔާމަ އެ ރަށު މީހުން ބުނީ ނާޒިމޭ، މިއަދު ތިމަންނަމެން މިތަނުގައި ކުރާނެ މަސައްކަތެއް ނެތޭ. ދަނޑުވެރިކަމުގައި ތިބީ އެމީހުންނޭ، ރާނާއި ތިމެންތި ޖެހުމުގައި އުޅެނީ އެމީހުންނޭ، އެމީހުން ތިމަންނަންމެންނަށް ވުރެ މާ އަގުހެޔޮކޮށޭ މަސައްކަތް ކުރަނީ،" ނާޒިމް ވިދާޅުވި އެވެ.
ރިޔާސީ ކެންޕެއިންގެ ތެރެއިން އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި ރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށާއި، އޭނާގެ ވެރިކަމެއްގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބޮޑު ބަދަލެއް ގެންނާނެކަމަށެވެ.