ޚަބަރު ސިޔާސީ

ކޮވިޑުގެ ތެރޭގައި ގެއްލުވާލި އެތައް މިލިއަން ރުފިޔާއަށް ވީ ގޮތެއް އަދިވެސް ކިޔައިނުދޭ: މުއިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކޮވިޑުގެ ތެރޭގައި ދިޔަ ދުވަސްތަކުގައި މި ސަރުކާރުން ގެއްލުވާލި އެތައް ސަތޭކަ މިލިއަން ރުފިޔާއެއްހުރި ކަމަށާއި، އެއަށް ވީ ގޮތެއް އަދިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ވިދާޅުނުވެވޭކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނުގައި ވ، މ، ފ އަދި ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށް ފަހު މިރޭ ކ. ގުރައިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެން އެބޭފުޅާ ވެވަޑައިގަންނަވާ ވައުދުތައް މާ ގިނަ ކަމަށް ބުނެ ބަޔަކު އެކަމާ ސުވާލު އުފެއްދާކަމަށާއި އެއީ މާގިނަ ވައުދުތަކެއް ނޫންކަމަށާއި ގިނަ ކަމަށް ފެންނަނީ މިހާތަނަށް އައިރު ވެސް އެ މަސައްކަތްތައް ރަށްރަށުގައި ނުކުރެވި އޮތުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުން ހައްދަން ބޭކާރު ވާހަކަ ދައްކަވާނެ ބޭފުޅެއް ނޫން ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

"ކޮވިޑުގެ ތެރޭގައި ދިޔަ ދުވަސްތަކުގައި އެ ގެއްލުވާލި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް، އެތައް ބިލިއަން ރުފިޔާއެއް ވީ ގޮތެއް އަދިވެސް ކިޔައި ނުދޭ. އެހެންވީމާ ލިބޭ ފައިސާ އިން ރަނގަޅު ގޮތުގައި ރަނގަޅަށް އެ ފައިސާ ހަރަދުކުރާ ނަމަ މިހިރަ ކަންކަމަކީއެއް މާ ގިނަ ކަންކަމެއް ނޫން،... އެހެން ނަމަވެސް، އެކަންކަން ކުރެވޭ ވަރަށް ދައުލަތަށް ފައިސާ ވަދޭ، އާމްދަނީ ލިބޭ. އެ އާމްދަނީ އިސްރާފުކުރާތީ، އެ ހީވަނީ އެ ލިބޭ ފައިސާ އިން ނުވާނެ ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު، ރައީސް ޞާލިޙުގެ ސަރުކާރުން ފަސް އަހަރުގެ ދައުރެއް މި ނިންމާލަނީ ދައުލަތުގެ ފައިސާ އިސްރާފުކޮށްފައިކަމަށާއި، މި ސަރުކާރުން ދައުލަތުގެ ފައިސާ އަށް ހިޔާންތެރިވެފައިވާ ކަމަށް މުއިއްޒު ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ މުއިއްޒު ދައްކަވާފައި ހުންނާނީ، އެ ކަންކަމާ ގުޅޭ ކުންފުނިތަކުން އިންވެސްޓުކޮށްގެން ނުވަތަ ލޯނު ދައްކައިގެން ހިންގޭނެ ކަންކަމަށް ވާތީ ކަމަށާއި، އެ ހުރިހާ ކަމެއް ކުރެވޭނެ ކަމުގެ އެންމެ ބޮޑު ޔަގީން ކަމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުން ވައުދު ފުއްދަން މުއިއްޒު ދަސްކުރައްވާފައިވުންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑެއް މިތާކަށް އަރާ ނުދަންނަވާނަން ނުކުރެވޭ ވަރު ކަމެއްގެ ވާހަކައެއް. އަދި އެކަން ކުރާނެ ގޮތް ނޭނގި މި ވާހަކައެއް ނުދައްކާނަން. ރައްޔިތުން ހައްދާށޭ ކިޔާފައި މިތަނަކަށް އަރައެއް ނުދައްކާނަން އެ ކަހަލަ ވާހަކައެއް." މުއިއްޒު ވިދާޅުވި އެވެ.

ގުރައިދޫގައި ބޭއްވި ޖަލްސާގައި އެރަށަށާއި މާފުށި އަދި ގުޅީގެ ރައްޔިތުންނަށް ގިނަ ވައުދުތަކެއް މުއިއްޒު ވެވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި، ގުރައިދު އާއި މާފުށީގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށްރަށުގެ ހިއްކި ބިމަށް ބަދަލު ގެނެސް އަދިވެސް ބިން އިތުރުކުރުމާއި، ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމާއި، ގުރައިދު އާއި ގުޅީގެ ބަނދަރު އަޕްގްރޭޑްކުރުމާއި، ގުރައިދޫ ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށްދިނުމާއި، ރަށެއްގައި ބަހައްޓާ ފުރަތަމަ ޑޮލަރު އޭޓީއެމް މާފުށީގައި ބެހެއްޓުމާއި، މާފުށީގެ މަގުތަކުގައި ތާރުއެޅުމާއި، މާފުށީގައި ފެރީ ޓާމިނަލެއް ހެދުމާއި އަދި އެ ތިން ރަށުގެ ރަށް ގިރުމުގެ މައްސަލަ އާއި ކުނީގެ މައްސަލަ ހައްލުކޮށްދިނުން ހިމެނެއެވެ.

Ads by HDC
  1. މީނަ ކުރި އިސްރާފު ކޮބާ! ވަރަށް މަކަރުވެރި މީހެއްތީ!