ފައިސާ ހުރި ބޭންކަކުން ހޯއްދަވައިގެން ރައީސް ވަނީ އިގްތިޞާދު ކޮޅަށް ޖަހާފައި: ސިޔާމް

ކޮވިޑް-19 ގެ ސަބަބުން މުޅި ރާއްޖޭގެ ފަތުރުވެރިކަން އިނދަޖެހިގެން ދިޔަ ހިނދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ދުނިޔޭގައި ފައިސާ ހުރި ބޭންކަކުން ފައިސާ ހޯއްދަވައިގެން އިންޑަސްޓްރީ ކޮޅަށް ޖައްސަވާނެކަމުގައި ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެ އެވެ.
މިމަހު އޮންނަ ރިޔާސީ އިންތިހާބަށް ރައީސް ޞާލިހާއިއެކު ކޯލިޝަން ހައްދަވައިގެން އުޅުއްވާ އެމްޑީއޭގެ ލީޑަރު މިރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ކުރިއަށްދާ "އުފާވެރި މާލެ" ޖަލްސާގައި ވަނީ ކޮވިޑުގެ ހާލަތުން އަރައިގަނެ ރާއްޖޭގެ އިގްތިޞާދީ ކޮޅަށް ޖެއްސެވުމަށް ބޭނުންކުރެއްވި އުކުޅުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. އެގޮތުން އިގްތިޞާދު އިނދަޖެހިގެން ދިޔަ ވަގުތު ގޮތް ހުސްވެ ދެއަތް އެލުވައިލުމުގެ ބަދަލުގައި ގޮތްތަކެއް ހޯއްދަވަން ނުހަނު ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށް ސިޔާމް ވިދާޅުވި އެވެ.
ރައީސް ޞާލިހުގެ ސަރުކާރުން ގެންގުޅުއްވި އުސޫލުތަކުގެ ސަބަބުން ދުބާއީއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން އެކަން ކުރެއްވި ގޮތް އޮޅުންފިލުވަން އެދުނުކަމަށް ސިޔާމް ވިދާޅުވި އެވެ. ސިޔާމް ތަކުރާރު ކުރެއްވީ މީގެ ކުރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވިދާޅުވި ވާހަކަފުޅެކެވެ. އޭރު ޝާހިދުވެސް އަދި މިރޭ ސިޔާމްވެސް ގައުމުތަކުން އެދުނީ ކިހިނެއްކަން ހާމައެއް ނުކުރައްވަ އެވެ. އަދި އެގައުމުތަކަށް ފޯރުކޮށްދިނީ ކޮން މައުލޫމާތެއްކަންވެސް ވިދާޅެއް ނުވެ އެވެ.
ސިޔާމް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ހާލަތުގައި އެކި ބޭންކުތަކުން ރައީސް ޞާލިހު ނެންގެވި ލޯނުތަކަކީ ދަރަނި ނޫންކަމަށެވެ. އެއީ ގައުމުގެ އިގްތިޞާދު ކޮޅަށް ޖެއްސެވުމަށް ނެންގެވި އަރަނިކަމަށް ސިޔާމް ވިދާޅުވި އެވެ.
ސިޔާމް މިރޭ ވިދާޅުވީ ރައީސް ޞާލިހަކީ އެންމެ އަހުލާގު ރަނގަޅު، އެންމެ މޮޅު، އެންމެ ވިސްނުން ތޫނު އަދި އެންމެ އޯގާތެރި ރައީސް ކަމަށެވެ. އެހެންކަމުން ރައީސް ޞާލިހު އެއްބުރުން ހޮވަންޖެހޭކަމަށް ސިޔާމް ވަނީ ވިދާޅުވެފަ އެވެ.