ކުރިއަށް އޮތް ދެ ދުވަހު ނިދިނުކުރައްވައި ގަދައަށް ކެމްޕެއިންކޮށް، އެ މަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް އެއްބުރުން އިންތިހާބު ކޮށްދިނުމަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ޓީމުތަކުގައި މިއަދު އެދިވަޑައިގެންފި އެވެ.
އިންތިޚާބުގެ ކެމްޕޭނަށް އައްޑޫ ހުޅުދު އަށް ވަޑައިގެން ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް ކަމަށާއި ދެން ގެއަށް ވަންނަން ވާނީ ވޯޓުލާ ނިންމައި، ކާމިޔާބު ހޯދައިގެން ކަމަށެވެ.
"ކެމްޕެއިން ޓީމުތައް އެއް ގިޔަރު މައްޗަށް ޖައްސާލާށޭ. ކުރިއަށް މި އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެންނަށް ދެ ދުވަހު ތިބެވޭނެ ނުނިދާ ވެސް. އިރާދަކުރެއްވިއްޔާ އެއްބުރުން މިކަން ނިމޭނެ،" ރައީސް ޞާލިޙް ވިދާޅުވި އެވެ.
"އިންތިހާބުގެ ނަތީޖާއެއް ބަދަލުކޮށްލަން ބޭނުން ވަނީ އެންމެ ވޯޓެއް. ނުކުމެ އެންމެން ވެސް ވޯޓުލާށޭ. އާއިލާ އާއި ރައްޓެހިން ވެސް ނުކުމެ ވޯޓުލާށޭ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމުން ރޭ ފެނިވަޑައިގަތީ ހަގީގަތުގައި ވެސް އިންތިހާބު ނިމި، އެމްޑީޕީ އަށް ކާމިޔާބުވެފައި އޮތް މަންޒަރު ކަމަށާއި ރާއްޖޭގެ އެހެން ރަށްތަކުން ވެސް ފެނުނީ އެ މަންޒަރު ކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ހަމަ ހަގީގަތުގައިވެސް މިކަން މިއޮތީ ނިމިފައިކަމަށެވެ.
ދެވަނަ ދައުރެއް އެ މަނިކުފާނަށް ފެނިވަޑައިގަންނަވަނީ މާ އުފާވެރިކޮށްކަމަށާއި އައްްޑު އަށް ވީ ވައުދުތައް ފުރިހަމައަށް ފުއްދާނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވި އެވެ. ރައީސް ޞާލިޙް ހުޅުދު އަށް ވަޑައިގަތުމުން އެ ރަށުގެ ކެމްޕެއިން ޓީމުން ވަނީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ހުޅުދޫން ބޮޑު ތާއިދެއް ދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް ދެއްވާފައެވެ.
130،000 އަށް ވުރެ ގިނަ ވޯޓު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ މި އަދަދަށް ވޯޓު ލިބިއްޖެ ނަމަ ދެވަނަ ބުރަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކަމަށެވެ.