ހުތުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ މަލާއިކަތުންގެ ފަތްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫން: ޚުތުބާ

ހުތުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ މަލާއިކަތުންގެ ފަތްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއުއަކީ" ހުކުރު ދުވަހުގެ ސަވާބާއި ދަރުމަ ލިބިގަންނާށެވެ" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ ހުތުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ ހުުކުރަށް ހާޒިރުވި މީހުން ލިޔުއްވުމަށް ހާއްސަ ކުރައްވާފައިވާ މަލާއިކަތުންގެ ފަތްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫން ކަމަށެވެ. ނަމަވެސް އެފަދަ މީހުންގެ ހުކުރު ނަމާދު ސައްހަ ވާނެ ކަމަށާއި މެންދުރުު ނަމާދުގެ ބަދަލުގައި އެނަމާދު ގަބޫލުކުރެވޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
އަދި އެފަދަ މީހުންނަށް ހުކުރު ނަމާދަށް ހާއްސަ ކުރައްވާފައިވާ ދަރުމައާއި ސަވާބުގެ ވަރަށް ބޮޑުބައެއް އުނިވާނެ ކަމަށާއި މިއަދު މުޖްތަމަޢުގެ ބައެއް ފަރުދުން މިފަދަ ކަންކަމަށް އެއްވެސް ސަމާލުކަމެއް ނުބަހައްޓާ ކަމަށް ހުތުބާގައި ބުންޏެވެ.
ސަރުޢީ އެއްވެސް އުޒުރަކާއި ނުލައި ހުކުރު ނަމާދަށް އައުމުގައި ފަރުވާ ކުޑަ ކުރުމާއި ހުކުރު ނަމާދު އަޅާފައި ފިކްނިކް ދިޔުމާއި އަދި މިނޫންވެސް ތަފާތު ކަންކަމުގައި މަޝްއޫލުވެ ތިބުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.