ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުގެ އިންތިޚާބު 14 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހު ބާއްވާނެކަމަށް އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ނިންމާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަަކައި މިއަދު ބޭއްވި، އެ ޕާޓީގެ ވަގުތީ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ލަތީފު ވިދާޅުވީ އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ އިންތިޚާބު ވަރަށް އަވަހަށް ބާއްވަން ޖެހޭކަމަށާއި އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ނިންމާ ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އަވަހަށް ޕާލިމެންޓްރީ ގުރޫޕު އިންތިޚާބު ބާއްވަން ޖެހޭ ސަބަބަކީ ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން ޕާޓީ ތަމްޞީލްކުރެވެން އަންނަނީ ފުރިހަމަ ގޮތުގައި އިންތިޚާބުވެފައި އޮތް ޕާލިމެންޓްރީ ގްރޫޕެއް އޮވެގެން" ލަތީފު ވިދާޅުވިއެވެ.
މީގެ އިތުރުން އަސާސީ ޤަވާއިދުގައި ބަޔާންކުރާ މަޤާމުތަކަށް މީހުން އިންތިޚާބު ބޭއްވުމަށްޓަކައި އެކުލަވާލަންޖެހޭ އުޞޫލުތަކާއި ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށާއި ޕާޓީ މުޅިންހެން އިންތިޒާމުކުރަން ޖެހޭކަމަށްވެސް ލަތީފު ވިދާޅުވިއެވެ.
ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެމްޑީޕީ އާއި ޕީއެންސީ/ޕީޕީއެމްއާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށްވަނީ 6 ބޭފުޅުން ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާލައްވާފައެވެ.
އެ ކޮމިޓީގެ މަސައްކަތަކީ ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީއާއި ވާހަކަދެއްކުން ކަމަށާއި އެ ޕާޓީން ގުޅޭނެ ފަރާތެއް ނިންމާނީ، ޕާޓީން ކުރި މަޝްވަރާތައް ޕާޓީ ކައުންސިލަށް ގެނެސް ކައުންސިލުގައި މަޝްވަރާ ކުރުމަށްފަހު، ކައުންސިލުން ކަމަށް ލަތީފު ވިދާޅުވިއެވެ.
މިއަދު ޑިމޮކްރެޓްސްއިން ބޭއްވި ކައުންސިލު ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވަނީ މިސަރުކާރާއިއެކީ ކުރިއަށް ނުދާނެކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އޮތް ދެ ޗޮއިސް ކަމުގައިވާ ރައީސް ޞާލިހާއި، ޑރ. މުއިއްޒާއިއެކީގައިވެސް ކުރިއަށް ދިއުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ބައެއް ބޭފުޅުން ފާހަގަކުރި ނަމަވެސް ޤައުމަށްޓަކައި ނިންމަންޖެހޭ ކޮންމެ ނިންމުމެއް ނިންމައިގެން ކުރިއަށްދާނެކަމަށް އެބޭފުޅުން ވިދާޅުވިއެވެ.