ބޭބެ މަރާލި މައްސަލާގައި މަވާޒް 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ މަރާލި ކަމަށް އިއުތިރާފްވެފައިވާ ކޮއްކޮ ހުސައިން މަވާޒް 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި މިދިޔަ މަހު ބޭއްވި އަޑުއެހުމުގައި މަފާޒް ވަނީ އޭނާގެ ބޭބެއަށް ހަމަލާދީ މަރާލި ކަމަށް އިއުތިރާފްވެ އެކަން ހިނގި ގޮތް ކިޔައިދީފައެވެ. އަދި ކުރެވުނު ކުށަށް ތައުބާވެފައިވާ ކަމަށްވެސް ބުންޏެވެ.
ބޭބެއާ ދެމެދު ހިނގި މާރާމާރީއެއްގައި އޭނާ ބޭބެއަށް ޙަމަލާދިނީ 3 އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުންކަމަށާއި، ޙަމަލާ އަމާޒުވީ ބޭބެގެ ވާއަތު ކަރާއި ދިމާލުން ތިރިއަށް މެއަށްކަމަށް މަފާޒު ބުންޏެވެ.
އަދި ކުށް ގަބޫލުކޮށް މައްސަލައިގެ ހުރިހާ މަރުހަލާއެއްގައިވެސް އެއްބާރުލުން ދެމުން ގެންދާތީ ގާޒީ އާދަމް މުހައްމަދު ވަނީ އެއްބަސްވުމާ އެއްގޮތަށް މަވާޒް 12 އަހަރާއި ހަމަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
އޭނާ ބަންދުގައި ހުރި މުއްދަތު (74 ދުވަސް) ހުކުމުން އުނިކުރުމުން ދެން އަންނަ އަދަބަކީ 12 އަހަރާއި 3 މަހާއި 16 ދުވަހުގެ ޖަލު ހުކުމެކެވެ.
އަދި ކައްފާރާ އަދާކުރުމުގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިދުމަށްވެސް ގާޒީ ވަނީ އަމުރުކުރައްވާފައެވެ.