ޚަބަރު

ރީރަޖިސްޓްރީ ވާން 47،000 އަށްވުރެއް ގިނަ މީހުން ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީވުމަށް ތިން ދުވަހުގެ ތެރެއިން 47،000 އަށްވުރެއް ގިނަ މީހުން ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރީރަޖިސްޓްރީ ކޮށްފައިވަނީ 42،867 މީހުން ކަމަށެވެ. އެހެންނަމަވެސް ދެވަނަ ބުރުގައި 47،000 އަށްވުރެއް ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

އަދި 19،000 ވުރެ ގިނަ ފޯމު އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައިވާކަމަށާއި 27،000 އަށްވުރެއް ގިނަ ފޯމު ގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހަބީބް ވިދާޅުވިއެވެ.

"ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ހިއްސާކުރާނެ" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީން ކަމަށެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން، ހުށަހެޅި ފޯމު ޕެންޑިންގ ގައި އިންނާތީ، އަލުން ފިޒިކަލް ފޯމު ލާފައިވާކަންވެސް ފާހަގަކުރެވޭ ކަމަށް ހަބީބް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!