ޚަބަރު ސިޔާސީ

އިންތިޚާބުގެ ފުރަތަމަ ބުރުގައި ކާމިޔާބު ލިބުނީ ޒުވާނުން ނިކުމެ މުއިއްޒުއަށް ވޯޓު ދެއްވުމުން: އަދުރޭ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރިޔާސީ އިބްތިޚާބުގެ ފުރަތަމަ ބުރުގައި ކާމިޔާބު ލިބުނީ ޒުވާނުން ނިކުމެ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއަށް ވޯޓު ދެއްވީމަ ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައިފިއެވެ.

ޕީޕީއެމް/ޕީއެންސީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ށ. ފުނަދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ މި އިންތިޚާބުގެ ފުރަތަމަ ބުރުގައި ޒުވާނުން މުއިއްޒުއަށް ވޯޓު ދޭން ޖެހުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެ ޒުވާނުން ބިކަކޮށް، ނިކަމެތިކޮށް ދަރަނިވެރިކުރުވީމައި ކަމަށެވެ.

"މި އިންތިޚާބުގެ ފުރަތަމަ ބުރު ކާމިޔާބު ކޮށްދެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ދިވެހިރާއްޖޭގެ ޒުވާނުން. އެކަމަށްޓަކައި މިރޭވެސް އަޅުގަނޑު ޒުވާނުންނަށް ހަމަ އައްސަރިބަހާއި ސާބަސް ދަންނަވަން. ޒުވާނުން އެ ނިކުތީކީއެއް ހަމަ ތިބެފަ ޑރ. މުއިއްޒުއަށް ވޯޓު ދެއްވާކަށް ނޫން، ސަބަބުތަކެއް ހުރެގެން ވޯޓު ދޭން ނިކުތީ، ޒުވާނުން ބިކަކުރީމަ ވޯޓު ދޭން ނުކުތީ، ބިކަ ކުރީމަ ވޯޓު ދޭން ނުކުތީ، ދަރަވެރިކުރީމަ ވޯޓު ދޭން ނުކުތީ، އެމީހުންގެ މުސްތަޤްބަލް ހަލާކުކޮށްލީމައި ވޯޓު ދޭން ނުކުތީ، އެމީހުންގެ މުސްތަޤްބަލުގައި އެމީހުންގެ މިނިވަންކަން ނަގާލައި އެމީހުން އަޅުވެތިކުރަން އުޅޭތީ ވޯޓު ދޭން ނުކުތީ" އަދުރޭ ވިދާޅުވިއެވެ.

އަދި މިހެން ކަންތައް ހިނގާދިޔުމުންވެސް ރައީސް ޞާލިޙަށް މިކަން އެނގިވަޑައިނުގެންނެވިކަމަށް އަދުރޭ ވިދާޅުވިއެވެ.

"އިބްރާހިމް މުހައްމަދު ޞާލިޚަކަށް ނޭނގޭ ތަނެއް ދޮރެއް، އެއްލައްކަ އެއްހާހަށްވުރެ ގިނަ ވޯޓު ޑރ. މުއިއްޒުއަށް ދިވެހި ރައްޔިތުން ދިނީމައިވެސް މީނައަކަށް ނޭނގުނު މިވީ ކިހިނެއް ކަމެއްވެސް" އަދުރޭ ވިދާޅުވިއެވެ.

އަދި އެހާ ގިނަ އަދަދަކަށް މުއިއްޒުއަށް ވޯޓު ލިބިވަޑައިގެންނެވީ ކީއްވެގެންކަން ރައީސް ޞާލިޙަށް އެނގިވަޑައިނުގަންނަވާނަމަ އެ ޖަލްސާ ރަނގަޅަށް އަޑު އެއްސެވުމަށް އަދުރޭ ވަނީ ގޮވާލައްވާފައެވެ.

"މިވީގޮތަކީ ދިވެހި ރައްޔިތުން 5 އަހަރު ދުވަހު ތަޖްރިބާ ކުރީމާ އެނގިއްޖެ އިބްރާހިމް މުހައްމަދު ޞާލިޙަށްވެސް ނޭނގޭކަން އިބްރާހިމް ޞާލިޙަށް ނޭނގޭކަން، އެއީ މި ވީގޮތަކީ، އިބްރާހިމް މުހައްމަދު ޞާލިޙަށްވެސް ނޭނގޭކަންވެސް އޭނައަށް ނޭނގޭތީ އެކަން އަންގައިދޭން ރައްޔިތުން ނިކުމެ އެއްލައްކަ އެތައްހާސް ވޯޓު އެނގޭ ބޭފުޅަކަށް ދެއްވީ" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން މި އިންތިޚާބު ވަގަށް ނެގުމަށް އިންޑިއާއިންނާއި މި ސަރުކާރުން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވަމުން އަދުރޭ ވަނީ ރައްޔިތުން އެކަމަށް ފުރިހަމަ ސަމާލުކަމެއްދީ ފާރަވެރިވެގެން ތިބެން ވިދާޅުވެފައެވެ.

ރީ ރަޖިސްޓްރޭޝަން އޮޅުވާލައިގެންވެސް އިރާދުކުރެއްވިއްޔާ މި އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ. ރައްޔިތުން ތިބީ އެއަށް ވުރެ މާ ބޮޑަށް ވިސްނާ، މާ ބޮޑަށް ހޭލާފައި، ތަންދޮރު ނުދަންނަ މީހަކަށް ރައްޔިތުން ބޭނުމެއް ނުވޭ ވެރިކަން ދޭން" އަދުރޭ ވިދާޅވިއެވެ.

"އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި މިބޭފުޅުން މަސައްކަތްކުރާނީ އަޅުގަނޑުމެންގެ ވޯޓުތައް އޮޅުވާލަން. ޑރ. މުއިއްޒުއަށް ވޯޓުދޭން ތިއްބެވި ބޭފުޅުން، އެބޭފުޅުންނަށް ނޭނގި އެހެން ދުރު ތަންތަނަށް ރަޖިސްޓްރީކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދާނީ، އެހެންވީމަ މިކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ހޭލާ ފާރަވެރިވާން އެބަޖެހޭ" އަދުރޭ ވިދާޅުވިއެވެ.

އަދި އެފަދަ ހާލަތެއް މެދުވެރިކޮށްގެން އިންތިޚާބުގެ ދެވަނަ ބުރު ބޭއްވިޔަ ނުދޭނެކަމަށާއި އެ ފުރުސަތު ރައްޔިތުންވެސް ނުދެއްވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް ހީފުޅުކުރައްވާނެކަމެއް ނެތް ލާރިން މި އިންތިޚާބު ގަނެވިދާނެކަމަކަށް، އެއަށްވުރެ ރައްޔިތުންން ތިބީ ހޭލާ" އަދުރޭ ވިދާޅުވިއެވެ.

އަދި މި ރާއްޖެ މިހާރު މިއޮތް ހާލަތުން އަނބުރައި ނަގައި މިނިވަންކުރެވޭނީ ޑރ. މުއިއްޒުއަށް ކަމަށާއި އެކަން ރައްޔިތުންނަށް އެބަ އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ހުރިހާ އެންމެން ނުކުމެ މި ވެރިކަން އެއްކޮށް ނިމުމަކަށް ގެނައުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!