ޚަބަރު ސިޔާސީ

އެމްޑީޕީގެ މިހާރުގެ އަމާޒަކީ ވޯޓު ނުލި މީހުނަށް ވިސްނުވައިދީ ވޯޓު ފޮށްޓާއި ހަމައަށް ގެންދިޔުން: ރައީސް ޞާލިޙް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އެމްޑީޕީގެ މިހާރުގެ އަމާޒަކަށް ވާންވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ވަޑައިނުގަންނަވާ ބޭފުޅުން ހޯއްދަވައި އެބޭފުޅުންނަށް ވިސްނުވައިދީގެން، ދެވަނަ ބުރުގައި ވޯޓު ފޮށްޓާއި ހަމައަށް އެބޭފުޅުން ގެންދެވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މިރޭ ބޭއްވި "މާފަންނު ކަންމަތީ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ނިމިދިޔަ 9 ސެޕްޓެމްބަރު ވޯޓުން ފެންނަ ހަޤީގަތްތަކެއް އެބަހުރި ކަމަށާއި މިހާތަނަށް ރާއްޖޭގެ އިންތިޚާބެއްގައި އެންމެ މަދުން ވޯޓުލީ މި އިންތިޚާބުގައި ކަމަށެވެ. އަދި އެކަން އެހެން އެވީ ސަބަބު ހޯދަންޖެހޭކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"މިހާތަނަށް ރާއްޖޭގެ އިންތިޚާބެއްގައި އެންމެ މަދުން ވޯޓުލީ އިންތިޚާބު މީ، ކީއްތޯ މިވީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ކީއްވެގެންތޯ އެހާ ދަށް ޕަސެންޓު މީހުން މި ވޯޓުލީ. އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީ އެއްކަމަކީ މި ޕަސެންޓު މަތިކުރުން" ރައިސް ޞާލިޙް ވިދާޅުވިއެވެ.

"ވޯޓު ނުލާ މީހުން ވޯޓު ނުލި ސަބަބު ހޯދައި އެމީހުން ހޯދައި އެމީހުންނަށް ވިސްނުވައިދީ ވޯޓު ފޮށްޓާ ހިސާބަށް ގެންދިޔުން، އަޅުގަނޑު ހިތުން މިކަމަށް އެމްޑީޕީ މިވަނީ ތައްޔާރުވެފައި" ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދި އެކަމުގެ އެންމެ ފުރަތަމަ ހެއްކަކީ ދެވަނަ ބުރުގައި ވޯޓުލާން ރީ-ރަޖިސްޓްރީ ވި މީހުންގެ އަދަދުގެ ސަބަބުން އިދިކޮޅުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުން ކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ލިސްޓު ހޯއްދަވަން އެބޭފުޅުން އިލެކްޝަންސް ކޮމިޝަނަށްވެސް ވަޑައިގެންނެވި ކަަމަށެވެ.

"ބަލަ އެމީހުންވެސް މަސައްކަތް ކުރި ނަމަ އެކަން ވާނެ ނޫންތޯ؟ ގައިމުވެސް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ނުދޭ ލިސްޓު ހޯދާކަށް، މިއަދު އީސީއާ ދޭތެރޭ އެބޭފުޅުން އެދަނީ ޝައްކު ކުރަމުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދި މިއަދު ފެންނަ މަންޒަރުން އިންތިޚާބު ބޮޑު ތަނުން އެމްޑީޕީ ކާމިޔާބު ކުރާނެކަން ޔަޤީންކުރައްވާކަން ފާހަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ މެދުނުކެނޑި ފުރަތަމަ ބުރުގެ ކެމްޕޭނަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އިންތިޚާބުގައި މަދުން ވޯޓު ލިބުނު ސަބަބު ހޯއްދަވަން ޖެހޭ ކަމަށެވެ.

"މިއަދު ދެވަނަ ބުރަށް އަޅުގަނޑުމެން ތައްޔާރުވާއިރުގައި އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމަކީ އަޅުގަނޑުމެން ދެ މަސްދުވަހު ކުރީ ކޮންކަމެއްތޯ، އެދުވަހުގެ ނަތީޖާއިން އެ ފެނުނީ ކޯއްޗެއްތޯ، އަޅުގަނޑުމެންނަށް ނުކުރެވުނީ ކޮންކަމެއްތޯ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން 2013 އިން 2018 އާއި ދެމެދު ހިނގައިދިޔަ ވެރިކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނާއި އަދި ސިޔާސީ ވެރިންނަށް ކުރިމަތިވި ބިރުވެރިކަމުގެ ވާހަކައަށް އަލިއަޅުއްވާލައްވަމުން ރައީސް ޞާލިޙް ވިދާޅުވީ އެދުވަސް ދެކެން ދެން ރައްޔިތުން ބޭނުން ނުވާކަމަށެވެ.

އެހެންކަމުން ދެވަނަ ބުރުގައި ވޯޓުލުމަށް ރައްޔިތުން ނުކުންނަވާއިރު އެކަންކަމަށް ރަނގަޅަށް ވިސްނެވުމަށްފަހު ނުކުންނެވުމަށް ރައީސް ޞާލިޙްވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!