ޚަބަރު ސަރުކާރު ސިޔާސީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިތުރަށް ހުށަހެޅީ ފަސްހާހެއްހާ ފޯމު: އީސީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރޭޝަނަށް އިތުރަށް ހުށަހެޅީ ފަސްހާހެއްހާ ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

Ads by Sosun Fihaara

އެގޮތުން މިކަން ހާމަކޮށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު 2018 ގައި، 103047 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ކަމަށެވެ.

ހަމަ އެހެންމެ އޭގެ ފަސް ވަރަކަށް މަސްފަހުން ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގައި، 20848 މީހުން އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ގައި، 29672 މީހުންވަނީ ރީ-ރަޖިސްޓަރީ ކޮށްފައި ކަމަށް ހަބީބު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން 2023 ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 42867 ފޯމު ހުށަހެޅިއިރު، ދެވަނަބުރުގައި ގާތްގަނޑަކަށް 47000 ފޯމު ހުށަހެޅުމުން، ދެބުރުގެ ފޯމުތަކުގެ ޖުމްލަ ގާތްގަނޑަކަށް 90000 އަރާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

މިގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައި ވަނީ ފަސްހާހެއްހާ ފޯމު ކަމަށް ހަބީބު ވިދާޅުވެފައި ވެއެވެ. އަދި ދެވަނަ ބުރުގައި ހުށަހެޅި 47000 ފޯމުގެ ތެރެއިން، މިރޭގެ 8 ޖެހުމާ ހަމަޔަށް، ޕެންޑިންގައި ހުރީ، ގާތްގަނޑަށް 16 ހާސް ފޯމު ކަމަށް ހަބީބު ވިދާޅުވެފައި ވެއެވެ.

އެހެންކަމުން މަސައްކަތް ކުރެވެމުން ދަނީ، މާދަމާގެ ނިޔަލަށް، މިހާރު ބާކީ ހުރި 16 ހާސް ފޯމު ނިންމުމަށް ކަމަށް އީސީގެ ނައިބު ރައީސް ހަބީބު ވިދާޅުވެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!