ޚަބަރު ސިޔާސީ

ޕެންޝަން ފަންޑުން ކޮންމެ ކޮންމެ ކަމަކަށް ޚަރަދުކުރަން ފައިސާ ނުނެގޭނެ: މުއިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕެންޝަން ފައިސާއިން ކޮންމެ ކޮންމެ ކަމަކަށް ޚަރަދު ކުރަން ފައިސާ ނުނެގޭނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މުއިއްޒު މިހެން ވިދާޅުވީ ސަންގުޓީވީން މިރޭ ކުރިއަށް ގެންދާ "އާސްކް މުއިއްޒު" ޕްރޮގްރާމްގައި އާންމު ބޭފުޅަކު ޕެންޝަން ފަންޑާއި ގުޅިގެން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އިތުރު ކަންކަމަށް ޕެންޝަން ފަންޑުން ފައިސާ ނެންގެވޭނެގޮތް ހަމަޖައްސަވާނެކަމަށް މުއިއްޒު ވިދާޅުވެފައިވާތީ، ޕެންޝަން ފަންޑަކީ ރިޓަޔާ ކުރުމުން ލިބޭ ފައިސާއަކަށްވާއިރު އެ ފައިސާ ކުރީބައިގައި ނެގުމުން ވާނެގޮތަކާމެދު މުއިއްޒުއާ ވަނީ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން ވަކި މިންވަރެއް މީހުންނަށް ނެގޭނީ ފަންޑުގައި ވަކި ވަރަކަށް ފައިސާ ހުރުމުންނެވެ. އަދި އިތުރު ބޭނުންތަކަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނީ ޤާނޫނަށް ބަދަލެއް ގެނެސްގެންކަމަށްވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"އެމީހަކަށް ފައިސާ ޖަމާވެފައި ހުރި ވަރު ވަކި ވަރަކަށްވުރެ ބޮޑު ވަންޏާ، ޤާނޫނަށް ބަދަލެއް ގެނެސްގެން މިކަން ކުރެވޭނީ ކޮންމެ ގޮތެއްވިޔަސް، ވަކި ވަރަކަށްވުރެ ބޮޑު އަދަދެއް ޖަމާވެފަ ހުރެއްޖިއްޔާ އޭގެން މައިގަނޑު 3 ކަމަކަށް ފައިސާ ނެގޭނީ" މުއިއްޒު ވިދާޅުވިއެވެ.

އަދި ކޮންމެކޮންމެ ކަމަކަށް އެ ފަންޑުން ފައިސާ ނުނެގޭނެކަމަށާއި އެއީ މަޖާ ކޮށްލަން ދަތުރުދާން ބޭނުންކުރެވޭނެ ފައިސާއެއް ނޫންކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ އިތުރު ކަންކަމަށް ނެގޭނެ ވާހަކަ އެމަނިކުފާނު ވިދާޅުވީ އެކަމާއި ގުޅިގެން ރައްޔިތުންގެ ފަރާތުން ލިބުނު ޚިޔާލުތަކާއި ޝަކުވާތަކާއި އެއްކޮށްގެން އަދި އެމަނިކުފާނުގެ ފައިނޭންސް ޓީމާއިވެސް ވާހަކަ ދެކެވިގެން ކަމަށެވެ.

"މައިގަނޑު 3 ކަމެއް އަޅުގަނޑުމެން މި ހުށަހަޅަނީ، ގެދޮރު ބިނާކުރުމަށް، ގެދޮރު ބިނާކުރުމަށްޓަކައި ކޮންސްޓްރަކްޝަން ކޮސްޓުގެ ކޮންމެވެސް ކޮމްޕޯނެންޓެއް ހަމަޖައްސާލުމަށްޓަކައި އޭގެން ފައިސާ ވަކިވަރެއް ނެގޭ ވަރަށް، މުޅި ގެ އަޅާ ވަރަކަށްވެސް ނޫން" މުއިއްޒު ވިދާޅުވިއެވެ.

"ދެވަނަ ކަމަކީ ދަރިފުޅު ކިޔަވަން ރާއްޖެއިން ބޭރަށް ފޮނުވުމުގަ އެ ކޮސްޓު ބެއަރ ކުރުމަށް، ރާއްޖެއިން ނެހެދޭ ކޯހެއް ހަދަން ރާއްޖެއިން ބޭރަށް ދަންޏާ ސްކޮލަރޝިޕެއް ނުލިބޭ ހާލަތެއްގައި ކޮންމެވެސް ވަރެއްގެ ޚަރަދެއް ކުރަން އެބަޖެހެޔޭ، ދެން އެހެންވެ އެއަށްވެސް ކޮންމެވެސް ވަރެއް ނެގިދާނެކަމަށް، ދެން ތިން ވަނަ ކަމަކަށް ކޮންމެވެސް ވަރެއްގެ ކުދި އަދި މެދުފަންތީގެ ކޮންމެވެސް ކަހަލަ ވިޔަފާރިއެއް ފަށްޓަން އެމީހާގެ ޖަމާވެފައި ހުރި ފައިސާއިން ފައިސާ ކޮޅެއް ނަގަން" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މި މައިގަނޑު 3 ކަންތަކަށް ކޮންމެވެސް ވަރަކަށް ފައިސާ ނެގޭ ވަރަށް އެމީހެއްގެ ޕެންޝަން ފަންޑުގައި ފައިސާ ހުރިނަމަ، އެ ފައިސާގެ ވަކި ޕަސެންޓެއް ނެގޭގޮތް ހެދުމަކީ ރަނގަޅު ކަމެއްކަމަށާއި އެ ބަދަލު ގެނެވޭނީ ޤާނޫނުގެ ތެރެއިން ކަމަށެވެ.

މިގޮތަށް ހަމަޖެއްސުމުން މީހުން ރިޓަޔާ ވާއިރު ޕެންޝަން ފަންޑުގައި އެއްވެސް އެއްޗެއް ނުހުންނާނެކަމަށް ބައެއް މީހުން ވިދާޅުވެފައިވާތީ އެކަމަށްވެސް މުއިއްޒުވަނީ ޖަވާބުދެއްވާފައެވެ.

"މިހާރު އެބަހުރި 20 ބިލިއަން ރުފިޔާ ޖަމާވެފަ ޕެންޝަން ފަންޑުގައި، ދެން މީގެން ސަރުކާރުން ހަމަ އެކި ކަހަލަ ބޭނުންތައްވެސް މިހާރު އެބަ ހިފާ، ދެން އަދި އިތުރަށް ފުޅާ ކުރެވޭނެ ގޮތްތައްވެސް އެބަހުރި" މުއިއްޒު ވިދާޅުވިއެވެ.

ޕެންޝަން ފަންޑު އިތުރަށް ފުޅާކުރުމަށް ޓޫރިޒަމް ސެކްޓަރގައި އިންވެސްޓު ކުރުމާއި އެކި ގޮތްގޮތަށް ޕެންޝަން ފަންޑު އިތުރަށް ފުޅާކޮށް ހަރުދަނާ ކުރެވޭނެ ގޮތްތައްވެސް އެބަހުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ވަކި ވަރަކަށްވުރެ ގިނައިން ފައިސާ ޖަމާވެފައި ހުރެއްޖެނަމަ އެ ފުރުޞަތު ރައްޔިތުންނަށް ދެވޭނެ ގޮތެއް ހޯދުމަކީ ގިނަ ރައްޔިތުންގެ މަސްލަހަތާއި ގުޅިފައި އޮތް ކަމެއް ކަމަށާއި "ޓެކްނިކަލީ ސައުންޑް ބޭސްޑް ޖަޖްމަންޓުތަކާ" އެކު އެ މަސައްކަތް ކުރެވިއްޖެނަމަ އެއިން ރައްޔިތުންނަށް ގެއްލުމެއް ނުވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by Ooredoo
  1. މުއްލާ

    ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއްގަ މިކަލޭގެ ދެކޮޅުހަދާނެ.