ޚަބަރު ސިޔާސީ

ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށް، ސްޓޫޑެންޓް ލޯނު މާފުކޮށްދޭނަން: ރައީސް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ހުރިހާ ދާއިރާއެއްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރުގެ ޖަނަވަރީ މަހުގައި ބޮޑުކުރައްވާނެކަމަށާއި ސްޓޫޑެންޓް ލޯނު ވަކި އުޞޫލުތަކެއްގެ ދަށުން މާފުކޮށްދިނުމަށް  މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ގަލޮޅުގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ

ހުރިހާ ދާއިރާއެއްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރުގެ ޖަނަވަރީ މަހުގައި ބޮޑުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މުސާރަ ބޮޑުކުރާ ދާއިރާތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިން، ޝަރުއީ ދާރިއާ، ސިވިލް ސަރވިސް، މިނިވަން މުއައްސަސާތައް، އިމިގްރޭޝަނާއި ކަސްޓަމްސް، ކައުންސިލްތަކާއި އިމާމުންނާއި މުދިމުން ހިމެނެއެވެ.

"މި އަންނަ މަހު މަޖިލީހަށް ހުށަހަޅާ 2024 ވަނަ އަހަރުގެ ބަޖެޓްގައި އިރާދަކުރެވިއްޔާ މިކަން ހިމަނައި އަޅުގަނޑުމެން ފާސްކުރާނަން" ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ސްޓޫޑެންޓް ލޯނު ނުދެއްކިގެން ގިނަ ބަޔަކު ޝަކުވާކުރަމުން އަންނަކަމަށާއި އެ ލޯނު ނުދެއްކުމުގެ ސަބަބުން ކޯޓު މަރުހަލާގައިވެސް އެތައް ބަޔަކު އުޅެމުން އަންނަކަމަށެވެ. ރައީސް ޞާލިޙް ވަނީ ސްޓޫޑެންޓް ލޯނު ވަކި އުޞޫލުތަކަކުން މާފުކޮށްދިނުމުގެ މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

"އެކަމާ ކަންބޮޑުނުވުމަށް އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެން މި ދަނީ ސްޓޫޑެންޓް ލޯނު ވަކި އުޞޫލަކުން މާފުކުރެވޭނެ ގޮތްތަކެއް ހަދަން. އިރާދަކުރެއްވިއްޔާ އެ ލުއި އަޅުގަނޑުމެން ދޭނަން" ރައީސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ރަށްރަށަށް އިހުމާލުވެފައިވާ މިންވަރު ކިޔައިދެއްވަމުން ރައީސް ޞާލިޙު ވަނީ އިދިކޮޅު ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމިންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ވަނީ މާޒީއަށް ބަލާއިރު ފެންނަނީ އަނިޔާވެރިކަމާއި، ބިރުވެރިކަމާއި ނާމާންކަން ކަމަށް ވިދާޅުވެފައެވެ.

މި އަހަރު ދެވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް ޞާލިޙު ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަން ބަދަލުކުރުމަށް ރައްޔިތުން ނިކުތީ އޭރު އޮތް ސަރުކާރުން ރާއްޖޭގެ ރަށްތަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދެވޭ މިންވަރަށް އިހުމާލުވެފައި ވާތީކަމަށާއި އެކަން މި ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާފައިވާނެކަމަށެވެ.

އެގޮތުން މި ސަރުކާރުން 152 ރަށުގައި ކަރަންޓުގެ ޚިދުމަތާއި، 141 ފެނާއި ނަރުދަމާގެ ނިޒާމާއި، 125 އަށްވުރެ ގިނަ ރަށްރަށުގެ ބަނދަރު އަދި 128 ރަށުގައި އެމްބިއުލާންސް ޚިދުމަތް ޤާއިމްކުރަން ޖެހުނުކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ ރާއްޖެ އޭރު އޮންނާނެ ހާލަތު ވަޒަންކޮށްލަން ޖެހޭ. ވާދަވެރިންނަކީ މި ހާލު ޖެއްސި މީހުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ޓީމު އޮތީ ދެވަނަ ބުރަކަށް ތައްޔާރުވެގެން އެކަމަށް ވިސްނައި ޕްލޭންވެސް ކުރައްވައިގެން ކަމަށާއި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ވިދާޅުވެފައެވެ.

"އަދި ކުޅެވުނީ އެއް ހާފު. އޮތީ ތިން ގޯލް އެއް ގޯލްގައި، ހާފް ޓައިމްގަ ޗޭންޖިން ރޫމަށް ވަދެ މި ތިބީ އަލަށް ރާވާލައިގެން. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންނާއި ފޯވާޑުން މި ތިބީ. ދެވަނަ ހާފަށް މި ނުކުންނަނީ މާގަދަކޮށް. މާގަދަކޮށް. މި އިންތިހާބު ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން" ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންނާ އެކު އަމާން ރާއްޖެއަކަށް ދާން އަޅުގަނޑުމެން މި ކުރާ ދަތުރު ކާމިޔާބު ވާނެ!"

Ads by Ooredoo
  1. ދިވެހި މުސްކުޅިން

    ސިޔާސީ މަޝްރަހުން އެކީ ތިޔަ ގެއްލެނީ

  2. ވާނުވާގައި ސޯލިހު ގައުމް އަދަވަޅަކައް ވެއްޓެން މިދަނީ ، ތިޔަކަންތައް ނުކޮއްދެވޭނެ ހިލޭސާބަހައް ފައިސާއެއް ެނެތް ގައުމަކު