ޚަބަރު ސިޔާސީ

މި ސަރުކާރުގެ ކަންތައް ހުރި ގޮތުން ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް މަގުފަހިވެގެންދާން: މުއިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މިހާރު ދިވެހިރާއްޖޭގެ ކަންކަން ހުރި ގޮތަށް ބަލާއިރު އިސްލާމް ދީނަށް ބޮޑެތި ގޮންޖެހުންތަކެއް އައިސް އެހެން ދީންތައް މި ޤައުމުގައި ފެތުރެން މަގުފަހިވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ކުރިއަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ރ. ހުޅުއްދުއްފާރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު އަޅުގަނޑުމެންގެ ވިސްނުން ސިޔާސީ ޕާޓީތަކުން ބޭރަށް ގެންދަން ޖެހޭކަމަށާއި މިހާރުގެ ހާލަތުން ރާއްޖެ ސަލާމަތްކުރުމަށް ހުރިހާ ރައްޔިތުންވެސް ވިސްނަވަން ވެއްޖެކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން މިހުރި ގޮތަށް ބަލާއިރުގައި، ޤައުމުގައި އަމިއްލަ ބަސް މި ސަރުކާރަކަށް ނުބުނެވޭ، ސަރުކާރުން ހުއްދަ ނަގަން އެބަ ޖެހޭ އެއްވެސް ކަމެއް ކުރާއިރުގައި، އެހެންވީމަކާ ނެތް މިނިވަންކަމެއް، ސަރުކާރުންގަ ނެތް ސިޔާސީ މިނިވަންކަމެއް. ރަސްމީކޮށް މިނިވަންކަން އެބައޮތް، އެކަމަކު އަމަލީ ގޮތުން ޕްރެކްޓިކަލީ ނެތް މިނިވަންކަމެއް" މުއިއްޒު ވިދާޅުވިއެވެ.

އަދި މިކަންކަމަކީ ސީދާ ސަރުކާރުން ނިންމައިގެން އުޅޭ ގޮތެއްކަމަށާއި ސަރުކާރުގެ ސިޔާސަތު ބައްޓަންކުރެވިފައިވާ ގޮތުން މިކަންކަމަށް މަގުފަހިވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ މީގެ 50 ހަކަށް އަހަރު ކުރިން ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ މިނިވަންކަން އެގޮތުގައި ދެމި އޮތްކަމަށާއި އެކަން ބަދަލުވީ މިސަރުކާރު އައި ފަހުންކަމަށެވެ.

"މީގެ މާ ކުރީ ޒަމާނުން ފެށިގެން، އަދި މިތަނަށް މި ފަހުން މިއައި ޑީމޮކްރެސީގެ ބަދަލުތައް އައުމުގެ މާކުރިން ފެށިގެން، 40 50 އަހަރު ކުރިން ފެށިގެން މިނިވަންކަން ލިބުނީއްސުރެ މިނިވަންކޮށް މިއޮތީ، އަމިއްލަ ބާރު ހިނގާ ޚާރިޖީ ސިޔާސަތުގައި މިތާ، ކޮންމެ ވެރިކަމެއްގައިވެސް، ވަކި ޤައުމެއްގައި އޮންނަ ވަކި ސަރުކާރެއްގެ ދަށު ނުވޭ ސަރުކާރެއް މިހާތަނަށް މިސަރުކާރު އަންނަންދެކާ" މުއިއްޒު ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު މިއޮތީ މުޅިން އަނެއް އަތަށް ބަދަލުވެފައިކަމަށާއި މި ސަރުކާރުގައި އެއްވެސް ކަމެއް ނިންމުމުގައި އެއްވެސް ބާރެއް ނެތްކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެގޮތަށް މިކަން އޮތުމުގެ ސަބަބުން ހަޤީޤަތުގައި ޤައުމުގައި މިހާރު ބޭރު ޤައުމުގެ ސިފައިން މިތިބީ، އަޅުގަނޑުމެންގެ ޤައުމުގައި މި 5 އަހަރު ތެރޭގައި ހެދިފައި ހުރި އެއްބަސްވުންތައް ހާމަކުރަން ނުކެރިގެން މިއުޅެނީ، އެއްވެސް ވަރަކަށް އަމިއްލަވަންތަ ކަމެއް ނެތިގެން މިއުޅެނީ، އެހެންވީމާ އެއީ ވަރަށްބޮޑު ނުރައްކަލެއް" މުއިއްޒު ވިދާޅުވިއެވެ.

އެ ނުރައްކަލުން ސަލާމަތްވާނީ އެންމެން އެކަތިގަނޑަކަށް ވެގެންކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެންމެންގެ ވިސްނުން އެއްގޮތް ކުރަން މިޖެހެނީ ޤައުމީ ވިސްނުން، ޤައުމުގެ މިނިވަންކަން ސަލާމަތްކޮށް ހިމާޔަތްކުރުމަށް ކަމަށެވެ.

އެހެން އެކަން ނުކޮށްފިނަމަ މި ޤައުމުގެ މިނިވަންކަންވެސް ނޯންނާނެތަނުގައި ދިވެހި ބަސްވެސް އަޅުގަނޑުމެންގެ އަތުން ގެއްލިގެން ދާނެ ކަމަށާއި ދީނަށްވެސް އޭގެ އަސަރުކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިސްލާމް ދީނަށް ބޮޑެތި ގޮންޖެހުންތައް ދިމާވެ، އެހެން ދީންތައް ފެތުރި މިހުރިހާ ކަމަކަށް މަގުފަހިވެގެންދާނެ، މިސާލަކަށް ދަންނަވާނަމަ އިސްލާމް މާއްދާ، އިސްލާމް މާއްދާއަކީ ދިވެހިބަހުން އަޅުގަނޑުމެން ކިޔަވައިދެމުން އަންނަ މާއްދާއެއް" މުއިއްޒު ވިދާޅުވިއެވެ.

އަދި ދިވެހިބަހުން ކިޔަވައިދިނުމުގެ ބަދަލުގައި އިނގިރޭސި ބަހުން ކިޔަވައިދޭން ބަދަލުކުރީމާ ދެކަމެއް ހާސިލްކުރަން އެބަ މަގުފަހިވާކަމަށާއި ފުރަތަމަ ކަމަކަށް ދިވެހި ބަހާ ދުރަށް ދިޔުން އަދި ދެވަނަ ކަމަކަށް އިސްލާމް މާއްދާ ކިޔަވަން އެ އޮންނަ ލޯބި ނެތިދިޔުން ހިމެނޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިހާ ހިސާބަށް ރާއްޖޭގެ ކަންކަން ގޮސްފައިވާއިރު އެކަން ބަދަލުކުރުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް މި މަހުގެ 30 ވަނަ ދުވަހު ލިބެން އެބައޮތް ކަމަށް ފާހަގަކުރައްވަމުން މުއިއްޒު އެދިވަޑައިގަތީ ޤައުމު މިނިވަންކަމަށް އަނބުރާ ގެނައުމަށް އެބޭފުޅާއަށް ހުރިހާ ރައްޔިތުންވެސް ވޯޓު ދެއްވުމަށެވެ.

Ads by Allied Insurance
  1. ފަހުމީ

    އެހެންދީނެއް ނުފެތުރެެޭ ހުސްހޮޅިވަާހަކަ ދައްކަނާ