ޚަބަރު ސިޔާސީ

ރައީސް ޔާމީން ގެއަށް ބަދަލުކުރައްވަން ރައީސް ޞާލިޙް ނިންމެވީ ޤައުމީ މަސްލަޙަތަށްޓަކައި: މުޢިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕީޕީއެމް/ޕީއެންސީގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން ގެއަށް ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމެވީ ޤައުމީ މަސްލަޙަތަށް އެންމެ ރަނގަޅުވާނީ އެގޮތް ކަމަށް ފެނިވަޑައިގަންނަވާތީކަމަށް އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާތީ އެމަނިކުފާނުގެ އިސްތިޤުބާލަށް އެ ސަރަޙައްދަށް ވަޑައިގެން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވަނީ ރައީސް ޔާމީން އަށް ގެއަށް ވަޑައިގެންނެވުމަށް ލިބުނު ފުރުޞަތުގެ ސަބަބުން ވަރަށް ބޮޑު އުފާފާޅުކުރައްވާފައެވެ.

އަދި ސަރުކާރުން މިއަދު މި ނިންމި ނިންމުމަކީ ޤައުމުގެ ގިނަ ރައްޔިތުން އެދިލައްވާފައިވާ ގޮތަށް، އަދި ޤައުމުގެ މަސްލަޙަތާއި ހަމަޖެހުމަށްވެސް އެންމެ ރަނގަޅު ގޮތްކަމަށާއި، ރައީސް ޔާމީނަށް އިންޞާފު ލިބިގެން ދިޔުމަކީ މުޢިއްޒުއާއި އަދި އެމަނިކުފާނަށް ލޯބިކުރާ ހުރިހާ ބޭފުޅުންވެސް އެންމެ އެދޭގޮތްކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުޢިއްޒު ވިދާޅުވީ މިއަދު ރައީސް ޞާލިޙުގެ އަރިހަށް އެމަނިކުފާނާއި ބައްދަލުކުރައްވަން ވަޑައިގެންނެވިއިރުވެސް އެ ވާހަކަ ދެއްކެވި ކަމަށެވެ.

"އަޅުގަނޑު ދެންމެގަ ރައީސް އިބްރާހިމް ޞާލިޙާއި ބައްދަލުކޮށްފައި މި އަންނަނީ، އެމަނިކުފާނު ދެއްވި ފުރުޞަތުގައި. އަޅުގަނޑު ދެންނެވިން މިވާހަކަ، ދެންނެވީމަ ވިދާޅުވީ ހަމަ އަޅުގަނޑު ރޭގަ އެގޮތަށް ވިދާޅުވެފައި އޮތުމުން މި ޤައުމުގެ ރައްޔިތުން ބަސް އިއްވީމާ އެގޮތް ނިންމެވީ ކަމަށް، ޤައުމުގެ މަސްލަޙަތު އިސްކުރައްވާފަ، އެހެންވީމަ އެކަން އަޅުގަނޑު ފާހަގަކުރަން" މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، ޤައުމުގެ މަސްލަތަހު އިސްކުރައްވައިގެން ހުރިހާ ބޭފުޅުންވެސް އެކުގަ ކުރިއަށް ދިޔައިމަ ޤައުމަށް ސުލްޙްމަސަލަސްކަން ލިބިގެންދާނެކަމަށާއި މިއަދު އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރަންޖެހޭ ކަމަށެވެ.

"ސަރުކާރުން މިއަދު ރައީސް ޔާމީން ގެއަށް ބަދަލުކުރަން ނިންމި ނިންމުމަކީ އަޅުގަނޑު ވަރަށް ބަލައިގަންނަ ވަރަށް އެކަމަށްޓަކައި ފަޚްުރުވެރިވާ ކަމެއް، ޝުކުރުދަންނަވަން" މުޢިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު، މި ޤައުމުގެ މައްސަލަތައް ހުރި ގޮތުން، ހުރި މައްސަލަތައް ޙައްލުކުރުމުގައި ރައީސް ޔާމީނުގެ ތަޖުރިބާގެ އަލީގައި އެމަނިކުފާނުގެ ފަރާތުން ލިބޭ ލަފާފުޅުތައް ވަރަށް މުހިންމުވާނެކަމަށާއި، އުންމީދަކީ އެގޮތަށް ވީހާވެސް މިނިވަންކަމާއިއެކު އެމަނިކުފާނުގެ ފަރާތުން އެ ކަންކަމުގައި އެހީތެރިކަން ހޯއްދެވުމަށް ފުރުޞަތު ލިބިވަޑައިގަތުންކަމަށް މުޢިއްޒު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!