ރަސޫލާ ގެނެސްދެއްވި ހިދާޔަތާއި ޝަރީޢަތަށް ބޯލަނބައި ކިޔަމަން ވާން ޖެހޭ: ޚުތުބާ

ރަސޫލާ ﷺ ގެނެސްދެއްވި ހިދާޔަތާއި ޝަރީޢަތަށް ބޯލަނބައި ކިޔަމަން ގަންނަން ޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "ކީރިތި ރަސޫލާ ﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މައްސަރު" މިއެވެ.
ހުތުބާގައި ބުނެފަައިވަނީ މި މައްސަރަކީ ބަރަކާތުން ފުރިގެންވާ މައްސަރެއް ކަމަށާއި އެއީ ޢާލަމްތަކަށް ރަހްމަތެއް ކަމުގައި ފޮނުއްވި ކީރިތި الله ފޮނުއްްވި މާތް ސާހިބާ ދުނިޔެއަށް ވަޑައިގަތް މައްސަރު ކަމަށެވެ.
އަދި އުއްމަތުގެ ބާއްޖަވެރިކަމަށްޓަކައި ހެވާއި ލާބައަށްޓަކައި ކީރިތި ރަސޫލާ ކުރެއްވި މިންނެތް މަސައްކަތަކީ ދުލަކުން ގަލަމަތުން ބަޔާންކުރެވޭ ވަރަށްވުރެ ގިނަ މަސައްކަތް ކަމަށާއި އަދާ ކުރަން ޖެހޭ ޝުކުރަކީ އެހާމެ މަތިވެރި ޝުކުރެއް ކަމަށް ހުތުބާގައި ބުންޏެވެ.
އެ ޝުކުރު އަދާކުރުމުގެ ގޮތުން ކުރަންވީ ކަމަކީ އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތާއި ޝަރީޢަތަށް ފުރިހަމަގޮތުގައި ބޯލަނބައި ތަބަޢަ ވުން ކަމަށް ހުތުބާގައި ބުންޏެވެ.