މި ސަރުކާރު މިހާރު އޮތީ އަމިއްލައަށް ވެއްޓިފައި: ޖާބިރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި ވަރަށް ގިނަ ގޯސްތަކުގެ ސަބަބުން މި ސަރުކާރު މިހާރު އޮތީ އަމިއްލައަށް ވެއްޓިފައި ކަމަށް ގަބޫލު ކުރައްވާ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ އަވަސް އޮންލައިންގެ "ފަށަމާ" ގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޖާބިރު ވަނީ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ޖާބިރު ވިދާޅުވީ ސަރުކާރުގެ ކޮންމެ ދިމާއަކަށް ބަލާލި ނަމަވެސް ފެންނަނީ ފެއިލްވެފައިވާ މަންޒަރު ކަމަށާއި ވަޒީރުން އެތައް ގޯސްތަކެއް ހައްދަވާފައިވާ ކަަމަށެވެ. އެކަންކަން ރަނގަޅު ނުކުރެވޭއިރު ރައީސް ސޯލިހު ވަޒީރުންނާ ދޭތެރޭ ފިޔަވަޅު އަޅާ މަންޒަރު ވެސް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ގައުމުގެ އެއްވެސް ބައެއްގެ އިތުބާރު ސަރުކާރަކަށް މިހާރު ނެތް ކަމަށާއި އެއީ ސަރުކާރެއް އަމިއްލައަށް ވެއްޓިފައި އޮތުން ފަދަ ކަމެއް ކަމަށެވެ.
"ސަރުކާރު މި އޮތީ އަމިއްލައަށް ވެއްޓިފައި. ދެން ކީއްކުރަންތޯ ބަޔަކު ސަރުކާރު ވައްޓާލަން ނިކުންނަންވީ. މި އޮތީ އަމިއްލައަށް މި ސަރުކާރު ވެއްޓިފައި،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރައްޔިތުން މަގު މައްޗަށް ނުކުމެ ސަރުކާރު ވައްޓާލުމުގެ މަސައްކަތް ނުފަށަނީސް އަމިއްލައަށް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.