ޚަބަރު ސިޔާސީ

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކި ކުރަން، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by Hajj Corporation

48 މެމްބަރުންގެ ސޮޔާއެކު އިއްޔެ މަޖިލީހަށް އެ މައްސަލަ ހުށަހަޅާފައިވާއިރު، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން އެ މައްސަލަ ފާސްކުރީ އިއްޔެ ބޭއްވި އެމްޑީޕީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި އެމަނިކުފާނުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަންކަން ނިންމަމުންދާ ކަމަށާއި، މުޅި މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ރައީސް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން، މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވުމަށް ފަހު، އެ މަނިކުފާނުގެ މަސްލަހަތު އޮތް އެހެން މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާތައް ބާއްވާފައިވާކަމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން މިއަދު އެ މައްސަލައިގެ ކަރުދާސް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން ފުރަތަމަ ހުށަހެޅި މައްސަލަ އެ ޕާޓީން ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާއެކު އަނބުރާ ގެންގޮސްފައެވެ.

ނަމަވެސް، ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އަށް ކުރިމަތިވި ނާކާމިޔާބީ އަށް ފަހު އަނެއްކާވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާތީ މިކަމަށް އިޝާރާތްކުރައްވާ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިން އަނބުރާ ގެންދިއުމުން ދެން އަލުން މި ދައުރުގައި އެ މައްސަލަ ހުށަނޭޅޭނެ ކަމަށެވެ.

ހަމަ އެހެންމެ ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތްކަމުގެ އެއް މައްސަލަ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ދެވަނަ ފަހަރަށް އެއް މައްސަލައެއް ހުށަހެޅުމުން ދެން އެ ބަލައިގަތުމަށް ދަތިވާނެ ކަމަށާއި ދެން އައު އިތުރު މައްސަލައެއް ހުށަހެޅޭނީ އަންނަ ފެބްރުއަރީ މަހު ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް މީގެ ކުރީން އެމްޑީޕީން މަޖިލީހަށް ހުށައެޅީ 54 މެންބަރުންގެ ސޮޔާ އެކުއެވެ. އެ މައްސަލަ ނުނިންމާ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން އީވާ އަބްދުﷲ ވަކިކުރަން ހުށަހެޅުމާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނަވާނެ ބޭފުޅަކާމެދު ސުވާލު އުފެދި ޖަލްސާތައް އޭރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

Ads by Ooredoo
  1. ވީ އެންމެ އަވަހަކަށް ބޭރުކުރޭ.