ފަލަސްތީނަށް އެހީވުމަށް އަދާލަތު ޕާޓީއަށް ކުރެވެން ހުރި ކަންތައްތައް ކުރުމަށް ގަރާރެއް ފާސްކޮށްފި
އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ އަދި ވަޒަންވެރިކުރުވާފައިވާ ހުޅަނގު ބިތުގެ މުސްލިމުންނަށް ދެމުން އަންނަ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް އަދާލަތު ޕާޓީއަށް ކުރެވެންހުރި ކަމެއް ކުރުމަށް އެ ޕާޓީން ގަރާރެއް ފާސްކޮށްފިއެވެ.
އެ ޤަރާރު ފާސްކޮށްފައި ވަނީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ހޮނިހިރު ދުވަހުގެރޭ ބޭއްވި ކުއްލި ބައްދަލުވުމުގެ ބައިވެރިންގެ އިއްތިފާގުންނެވެ. މި ޤަރާރު ހުށަހެޅުއްވީ ޕާޓީގެ ޢިލްމްވެރިންގެ މަޖްލިސްގެ ނައިބްރައީސް ޑރ މުހައްމަދު އިޔާޒް ޢަބްދުއްލަތީފްއެވެ.
އެ ގަރާރުގައި ބުނެފައި ވަނީ އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބުލަކަމަށްވެފައި އެތަނުގެ ވަށައިގެންވާ ބިމަކީ މުސްލިމުންގެ މުޤައްދަޞް ބިންތަކަށް ވާއިރު، ފަލަސްތީނުގެ ޤަޟިއްޔާއަކީ ދުނިޔޭގެ ދެ ބިލިޔަނެއްހާ މުސްލިމުންގެ ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.
އަދި ޢަދާލަތު ޕާޓީ އުފެދުނީއްސުރެ އަޕާޓީއިން އެންމެ ބޮޑު އަހަންމިއްޔަތުކަމެއްދީގެން މަސައްކަތް ކޮށްފައިވާ އެއްކަމަކީ އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ޤަޟިއްޔާ ކަމަށްވެސް ވަނީ ބުނެފައެވެ. މި މައްސަލައަކީ އެއްވެސް ތަފާތެއްނެތި މުޅި ދިވެހި އުންމަތުގެ އެންމެހައި އަފްރާދުންގެ ހިތުގެ އެންމެ ފުނުގައި ބިންވަޅުނެގައިފައިވާ މައްސަލަ އެއް ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ފަލަސްތީނުގެ ޣައްޒާއަށް ދާއިމީ ޙައްލެއް ހޯދައިފުމަށްދާންދެން މެދުއިރުމަތީގައި ސުލްޙަ ޤާއިމުވުމަކީ މުސްތަޙީލު ކަމަކަށް ވެފައި، މެދު އިރުމަތީގެ މަޞްރަޙު ހަލަބޮލިވުމަކީ ބައިނަލްއަޤުވާމީ ޞުލަޙަޔަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
އަދި ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގެ ޣައިރު ޤާނޫނީ ވަޒަންވެރިންނާއި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހަނގުރާމަ ހިނގަމުންދާ އިރު ރައްޔިތުންގެ މައްޗަށް ޤަތުލުޢާންމެއް ހިންގައި، ބޯފެނާއި ކާނާއި ބޭސްފަރުވާއިން މަޙުރޫމުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތައް މުގުރާލުމަށްފަހު ފަލަސްޠީނުގެ ބިމުގެ އަސްލު ވަޒަންވެރިން ކަމަށްވާ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ގަދަބާރުން ބޭރުކޮށްލުމުގެ ނުރައްކާތެރި ޢުދުވާނީ ޖަރީމާ ހިންގަމުންދާ ކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ.
އެެހެންކަމުން ޢަދާލަތު ޕާޓީގެ ލަޔާޤަތާއި ޤާބިލުކަން ތަންދިން އެންމެ މަތީ މިންވަރަކަށް އަލްމަސްޖިދުލް އަޤްޞާ އާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
ބައިތުލް މަޤުދިސް ނުވަތަ ޢަޤުސާ މިސްކިތާއި އެތަނުގެ ހަރަމް، މިނިވަން ކުރަން ހަނގުރާމަ ކުރަންޖެހޭ ބަޔަކާއި ހަނގުރާމަ ކުރުމަކީ ދިވެހި ޖުމުހޫރިއްޔާގެ ޤާނުނުއަސާސީން ލާޒިމް ކުރާ ޝަރުޢީ ވާޖިބެއް ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ މައްޗަށް .
ބައިތުލް މަޤުދިސް ނުވަތަ ޢަޤުސާ މިސްކިތާއި އެތަނުގެ ހަރަމް، މިނިވަން ކުރަން ހަނގުރާމަ ކުރަންޖެހޭ ބަޔަކާއި ހަނގުރާމަ ކުރުމަކީ ދިވެހި ޖުމުހޫރިއްޔާގެ ޤާނުނުއަސާސީން ލާޒިމް ކުރާ ޝަރުޢީ ވާޖިބެއް ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ މައްޗަށް .