ޚަބަރު ދީން

އިސްލާމީ އުންމަތުގު ހާލަތު އޮތް ހިސާބާމެދު ހިތާމަކުރަންޖެހޭ: އިމްރާން

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ހޯމް މިނިސްޓްރީ

އިސްލާމީ އުންމަތް ބަލިކަށިވެ ނިކަމެތިވެފައިވާ ޙާލަތާއި މެދު ކޮންމެ މުސްލިމަކުވެސް މިއަދު ހިތާމަކުރަންޖެހޭކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، މާތްވެގެންވާ އިސްލާމް ދީނަކީ ދިވެހި ޤައުމީ ބިނާގެ އެންމެ މައި ތަނބުކަން ދެނެ އެ ބިނާ ސާބިތުކުރުމަށް އެންމެންވެސް މަސައްކަތްކުރަންޖެހޭކަމަށެވެ.

އަދި އިސްލާމްދީން އަންނަން އޮތް ޖީލުތަކާއި ހަމައަށް ކާމިޔާބު ކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރާތާ ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެއީ އަބަދުވެސް ކުރަންޖެހޭނެ މަސައްކަތެއް ކަމަށާއި އެ މަސައްކަތުގައި އަބަދުވެސް ދެމިތިބެންޖެހޭ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"އިންސާނަކަށް، އަދި އިންސާނީ މުޖްތަމަޢަކަށްވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާނެ އެންމެ މަތިވެރި ނިޢުމަތަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތް އެމީހަކަށް ނުވަތަ އެ މުޖްތަމައުއަކަށް ލިބުން" އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މުސްލިމުންގެ ތެރެއިން ކިތަންމެ ވަރަކަށް ބަޔަކު ދީން ނޭނގި ދީނާއި ދުރަށް ދިޔަސް، ދީނުގެ ކަންކަމުން އެއްފަރާތް ވިޔަސް، ބައެއް މީހުން ދީނަށް ނޫޅުނަސް، ދީނުގެ އަސްލު ބެލުމަށް ބޭނުންވާ ކޮންމެ މީހަކަށް އެ ދީނުގެ އަސްލަށް ރުޖޫޢުވުމަކީ ވަރަށް ފަސޭހަކަމެއްކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ އެކަންކަން ފަސޭހަވެގެން ދަނީ މާތްﷲ ގެ ފޮތާއި (ޤްރުޢާން) އަދި ކީރިތި ރަސޫލާ (ޞޢވ) ސުންނަތުގެ ސަބަބުންކަމަށެވެ. އަދި އެ ދެކަމުގައި ހިފައިފި ކޮންމެ މީހަކީ މުސްލިމެއްކަމަށާއި އެނޫން ގޮތްގޮތަށް އުޅޭ މީހުންނަކީ ހަޤީޤީ މުސްލިމުން ނޫންކަމުގައި އިމްރާން ވިދާޅުވިއެވެ.

ހަމައެއާއެކު، މުޅި އިސްލާމީ އުންމަތުގައި އިސްލާމް ދީނުގެ އިލްމު ފެތުރުން މިއަދު މަދުކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި އިސްލާމްދީން ދަންނަ މީހުންވެސް މުޅި އުންމަތުގައި މަދުކަމަށާއި ނަމަވެސް އިސްލާމްދީނަކީ ދިރިއުޅުމުގެ ފުރިހަމަ ނިޒާމުކަމަށް އިމްރާން ވިދާޅުވިއެވެ.

މިއަދުގެ ޒުވާނުންނަށް އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް އުޅުމަކީ ވަރަށް ބުރަ މަސައްކަތެއްގެ ގޮތުގައި ފާހަގަވެފައިވީނަމަވެސް ކީރިތި ޤްރުޢާނާއި ރަސޫލާ (ޞޢވ) ގެ ސުންނަތުގައި ހިފައިފިމީހާއަށް އެއީ ފަސޭހަކަމަކަށްވެގެންދާނެކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ވާހަކަފުޅުގައި ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ އަމަލުތަކަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން، އިސްލާމީ އުއްމަތުގެ ނިކަމެތިކަމާއި ބަލިކަށިކަން ގޮސްފައި އޮތް ހާލަތު މުސްލިމަކަށް ވީތީ ހިތާމަކުރަންޖެހޭ ހާލަތަށް ގޮސްފައިވާކަމަށާއި، އެކަމުގެ ހަގީގަތަކީ އީމާންކަން ބަލިކަށިވެފައި އޮތް މިންވަރު އަދި މުސްލިމް އުއްމަތާ ދޭތެރޭގައި އިހުސާންތެރިކަން ނެތް މިންވަރު ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އެހެންކަމުން، އެ އިހުސާންތެރިކަން އިތުރުކުރަންޖެހޭ ކަމަށާއި ޚާއްސަކޮށް މުސްލިމުންގެ ފުރަތަމަ ޤިބްލަ، މަސްޖިދުލް އަޤްސާގައި ދިރިއުޅޭ މީހުންގެ ހާލަތާ މެދު ފިކުރު ކުރަންޖެހޭކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، އަގްޣާނިސްތާނަށް އެއް އަހަރުގެ ތެރޭގައި އެޅި ބޮން، އެންމެ ހަ ދުވަސް ތެރޭގައި އިޒްރޭލުން ފަލަސްތީނަށް އަޅާފައިވާއިރު، 3،000 އެއްހާ މީހުން ޝަހީދުވެފައިވާކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ، އަނިޔާ ލިބެމުންދާ މުސްލިމު ރައްޔިތުން ހިމާޔަތްކޮށްދެއްވުމަށް އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާކުރެއްވުމަށާއި މާތްﷲގެ މަގުގައި ހޭދަކުރެވެންހުރި މިންވަރަކުން ހޭދަކޮށް، ފަލަސްތީނަށް އެހީވުން މުހިންމުކަމަށެވެ.

Ads by Allied Insurance
  1. އިސްލާމީ އުތްމަތް ބަލިކަށިވީ އިސްލާމީ ވެރިންގެ އިހުމާލުން، އިސްލާމް ދީނަށް ވެރިން ލޯބިނުކުރާތީ، އަމިއްލަ އެދުމާއި ދުނިޔޭގެ އުފަލާއި ލައްޒަތު ހޯދަންއުޅެ އާހިރައްދުވަސް މަތިން ހަދާންނެތުނީމާ، ޔަހޫދީން ގޮތަށް ދުނިޔެ ހޯދަން ހޭބޯ ނަރާއުޅޭތީ، ހަޔޫދީ އެޖެންޓުންގެ ގޮތުގައި އިސްލާމީ ވެރިން އުޅޭތީ !