ނަޝީދު ވަނީ މި މައްސަލަ ކޮމިޓީން ވެސް އިތުރަށް ބަލައި ވީހާވެސް އަވަހަކަށް އެކަމާ މެދު ގޮތެއް ނިންމައި އަނބުރާ މަޖިލީހުގެ ތަޅުމަށް ފޮނުވައިދިނުމަށް އެދިފައެވެ.
ހުވަޔާމެދު ސުވާލު އުފެދޭތީ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް

ޓޫރިޒަމް މިިނިސްޓަރު ޑރ. އަބުދުﷲ މައުސޫމުގެ ހުވަޔާމެދު ސުވާލު އުފައްދަވައި، ރުހުން ދިނުމުގެ ވޯޓަށް ނާހަން މަޖިލީހުގެ ރިޔާސަތުން ނިންމަވައިފިއެވެ.
މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން މައުސޫމަށް ރުހުން ދިނުމަށް ނިންމައި ކޮމިޓީ ރިޕޯޓު މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
ނަމަވެސް މައުސޫމަށް ރުހުން ނުދީ އަނބުރާ ކޮމިޓީ އަށް ފޮނުވާލަން ނިންމީ ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު އަމިއްލަ ކުންފުންޏެއް ހިންގުމުގައި އޭނާ ހުންނެވުމާ ގުޅިގެންނެވެ. މައުސޫމް އެ ކުންފުނިން އިސްތިއުފާ ދެއްވީ މަގާމުގެ ހުވާ ކުރެއްވުމަށްފަހުއެވެ.
އެގޮތުން މެމްބަރުން ވަނީ ވަޒީރުކަމުގެ މަގާމާއި ހަވާލުވުމުގެ ކުރިން އެފަދަ މަގާމުތަކުން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށާއި މަގާމާއި ހަވާލުވުމަށްފަހު ދެން އިސްތިއުފާ ދެއްވުމުން މައުސޫމްގެ ހުވަޔާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ގިނަ މެމްބަރުން ވަނީ މައުސޫމް ކުރެއްވި ހުވާ ގާނޫނު އަސާސީއާ ހިލާފު ކަމަށާއި ރުހުން ދެވޭނީ ސައްހަ ހުވަޔެއް ކުރައްވައިގެން ވަޑައިގެންނެވުމުން ކަމަށް ވިދާޅުވެފައެވެ.
މެމްބަރުންގެ މި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ކައުންސެލަރ ޖެނެރަލާއި މަޝްވަރާ ކުރެއްވުމަށްފަހު އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވާލަން ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ.
"ކައުންސެލާ ޖެނެރަލް ވިދާޅުވަނީ މިކަމުގައި ބުއްދިވެރި ގޮތަކީ ސައްހަ ހުވައެއް ކުރައްވައިގެން ވަޑައިގެންނެވުން ކަމަށް. އެހެންވީމާ މި ރިޕޯޓަށް ވޯޓަށް އެހެން ނެތް ވާހަކަ ދަންނަވައި، ކޮމިޓީން ރިޕޯޓު ބައްލަވާފައި އަލުން ގެނައުމަށް" ނަޝީދު ވިދާޅުވިއެވެ.