ޚަބަރު ސިއްޙަތު

ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް ޗީޒްއެއް ވަނީ ރާއްޖެއަށް އެތެރެވެފައި: އެމްއެފްޑީއޭ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޖަރާސީމުން ތަޣައްޔަރުވެމުގެ ފުރުސަތު އޮތް ޗީޒްއެއް ރާއްޖެއަށް އެތެރެވެފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވިދާޅުވެއްޖެއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ "އީކޮލައި" ޖަރާސީމުން ތަޣައްޔަރުވެމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމަށްވާ ފްރާންސްގެ ޗީޒްއެއް ރާއްޖެއަށް އެތެރެވެފައިވާ ކަމަށެވެ.

އެގޮތުން އެ މަޢުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ ނެޓްވޯކާއި އަދި ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑުން އެ އޮތޯރިޓިއަށް އަންގާފައިވާ ކަމަށް އެމްއެފްޑީއޭ އިން ހާމަކުރެއެވެ.

އެމްއެފްޑީއޭ އިން ވިދާޅުވީ އެ ޗީޒް އަކީ  Fromagerie Tourete -Strasbourg ބްރޭންޑްގެ 250 ގުރާމްގެ ޗީޒް ކަމަށެވެ.

މި އެލާޓާއި ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތި ރައްކާތެރި ކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް  އެ އޮތޯރިޓީން ކުރަމުންދާ ކަމަށްވެސް އެމްއެފްޑީއޭއިން ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މި ޗީޒް ނުވިއްކުމާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އަންގަވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!