ރިޕޯޓް

ކޮވިޑަށް ފައްސިވުމުން ގިނަ ބައެއްގެ ހެޔޮ ދުޢާ ރައީސް މައުމޫނަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކޮވިޑަށް ފައްސި ވެއްޖެކަމުގެ ހިތާމަވެރި ޚަބަރު މީގެ ކުޑައިރުކޮޅެއް ކުރިން މިވަނީ ލިބިފައެވެ.

Ads by Hajj Corporation

ރައީސް މައުމޫން ކޮވިޑަށް ފައްސި ވެއްޖެކަން ކަށަވަރުކޮށް ދެއްވަމުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނާއި މިބަލި ޖެހިފައިވާ އެހެން މީހުންނަށް ވެސް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކޮށްފައެވެ. ދައުލަތުގެ ފަރާތުން ރައީސް މައުމޫނު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓު ކުރުމުގެ އިންތިޒާމުވެސް ހަމަޖައްސަމުން ގެންދަވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކުރީގެ ރައީސް މައުމޫނަކީ ދިވެހި ރާއްޖޭގައި ރަން 30 އަހަރު ވަންދެން ވެރިކަން ކޮށްފައިވާ ބޭފުޅެކެވެ. ބައެއް މީހުން އެމަނިކުފާނު ސިފަ ކުރައްވާފައިވަނީ ހުދުމުޚުތާރު ވެރިއެއްގެ ގޮތުގައެވެ.

ދިގު 30 އަހަރު ވަންދެން ރައީސް މައުމޫނު ވެރިކަން ކުރެއްވި ކަމުގައިވީ ނަމަވެސް، އެމަނިކުފާނަކީ ހުރިހާ ދިވެހީންގެ ލޯތްބާއި ސަޕޯޓު ލިބިލެއްވި ބޭފުޅެއް ނޫންކަން ހިތާމައާއެކު ފާހަގަ ކުރެވެއެވެ. ހަގީގަތަށް ދަންނަވާނަމަ ރައީސް މައުމޫން ދެކެ އިންތިހާއަށް ރުޅިއައިސް، އެމަނިކުފާނާއި ދިމާލަށް ހަޑިހުތުރު ބަހުން މުޚާތަބުކުރި މީހުން މަދެއް ނޫނެވެ.

އެމަނިކުފާނު ކުރެއްވި ކޮންމެ ޓްވީޓަކަށް އެތައް ބައިވަރު ބަޔަކު ވަނީ ހަޖޫ ޖަހާ، އެމަނިކުފާނަށް ބޭ އަދަބީ ބަސްތައް ރައްދުކޮށްފައެވެ.ނަމަވެސް މިރޭ ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް ރައީސް މައުމޫން ފައްސިވެއްޖެކަން އެނގުމުން، ކުރިން އެމަނިކުފާނަށް ހަޖޫޖެހި އެތައް ބަޔަކު މިރޭވަނީ އެމަނިކުފާނަށް ހެޔޮ ދުޢާކޮށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމަށް ދުޢާކޮށްފައެވެ.

މިރޭ އެމަނިކުފާނުގެ އެޓްވީޓަށް ކޮމެންޓުކުރި މީހުންގެ ތެރޭގައި ރީނދޫ ކުލައަކަށް އަސުރުމާ ކުލައަކަށް ބެލުމެއް ނެތެވެ. ހުރިހާ ކުލައެއްގެ ޕާޓީ މީހުންވެސް އެދިފައިވަނީ ރައީސް މައުމޫނަށް އަވަސް ޝިފާއެއް ލިބުމަށެވެ. މިކަމުން ދައްކުވައިދެނީ ގިނަ ދިވެހީންގެ ހިތް ތިރިކަމެވެ. އޯގާތެރިކަމެވެ. އަދި އެމީހަކީ ތިމާ ކިތަންމެ ނުރުހޭ މީހެއް ކަމުގައި ވިޔަސް، އެއްވެސް މީހަކަށް ދެރަ ގޮތެއްވާން ނޭދޭކަމެވެ. މިއީ ފަޚުރުވެރި "ދިވެހީންގެ" ގޮތެވެ.

ރައީސް މައުމޫނަށް ހެޔޮ ދުޢާ ފޮނުވި ފަރާތްތަކުގެ ތެރޭގައި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު އާއި، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ޔޫތު މިނިސްޓަރ އަޙުމަދު މަޙްލޫފް، މަޖިލިސް މެންބަރ އަލީ އާޒިމް، އިބްރާހިމް ޝުޖާއު، އަބްދުﷲ ރިޔާޒް، ކުރީގެ މެންބަރު އަހުމަދު ނިހާން، އަލީ އާރިފް އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ އިތުރުން ވެސް ބައެއް ސިޔާސީ އިސްވެރީންނާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ވެސް ހިމެނެއެވެ.

މާތް ﷲ ރައީސް މައުމޫނަށާއި މިބަލި ތަޙައްމަލު ކުރަމުންގެންދާ އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވާށިއެވެ. އާމީން. އަދި އަޅަމެން އެންމެންވެސް މިނުރައްކާތެރި ބަލިން ރައްކާތެރި ކޮށްދެއްވާ، މިވަބާއިން އަވަސް މުސްތަޤުބަލެއްގައި އަޅަމެން އެންމެން ސަލާމަތް ކުރައްވާށިއެވެ. އާމީން.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!