ފަލަސްޠީނަށް ދިވެހީން ކުރާ ތާއީދު ދުވަހަކު ވެސް ބަދަލު ނުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ފަލަސްޠީނުގެ މިނިވަންކަމަށް ދިވެހި ރައްޔިތުން ކުރާ ތާއީދު ދުވަހަކު ވެސް ބަދަލު ނުވާނެ ކަމަށް ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ދިވެހީންގެ ހިތްތައް ބަރުވެފައިވަނީ ފަލަސްޠީނު ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ކަމަށެވެ.
އެކަމުގެ ތެރެއިން ނަމަވެސް، ފަލަސްޠީނުގެ މިނިވަންކަމަށް ދިވެހިން ކުރާ ތާއީދު ދުވަހަކުވެސް ބަދަލެއް ނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ޚާރިޖީ ކާމިޔާބީއާ ގުޅޭގޮތުން އެއްޗެއް ދެންނެވުމުގެ ކުރިން، އަޅުގަނޑުމެން ދިވެހިންގެ ހިތްތައް މިއަދު ބަރުވެފަވަނީ، ފަލަސްޠީނުގެ މުސްލިމް އަޚުންނާ އުޚްތުންނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ އަނިޔާތަކުން. ފަލަސްޠީނުގެ މިނިވަންކަމަށް ދިވެހިން ކުރާ ތާއީދު ދުވަހަކުވެސް ބަދަލެއްނުވާނެ.
މީގެ އިތުރުން، ރާއްޖޭގެ ޚާރިޖީ ކާމިޔާބާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ވޭތުވި ފަސް އަހަރަކީ ރާއްޖޭގެ ތާރީޚުގައި ބައިނަލްއަޤްވާމީ ދުނިޔެއާ އެންމެ ބޮޑަށް ގުޅުން ބަދަހިކުރެވުނު މުއްދަތު ކަމަށެވެ.
އެގޮތުން ދުނިޔޭގެ 185 ޤައުމަށް ފުޅާކުރެވި، 101 ޤައުމަށް ވިސާނެތި ދިވެހިންނަށް މިހާރު ދަތުރުކުރެވޭނެ ކަމަށާއި، އ.ދގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ބެލެހެއްޓިކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
ފަލަސްޠީނުގެ ދިފާޢުގައި ދިވެހީންނަކީ އަބަދުވެސް އަޑު އުފުލާ ބައެކެވެ. މިދިޔަ މަހުގެ ހަތްވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ފުޅާކޮށް، އެ ސިޓީއަށް އެއްގަމު މަގުން ވެސް އަރައިފައިވާއިރު، މިހައިތަނަށް ފަލަސްޠީނުގެ 10،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.