ޚަބަރު ސަރުކާރު ސިޔާސީ

ފުލުހުންގެ އިދާރާ ހިންގެވުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްއާ ޙަވާލު ކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ފުލުހުންގެ އިދާރާ ހިންގެވުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފާ ޙސވާލު ކޮށްފިއެވެ.

Ads by STELCO

ޑީސީޕީ މަންނާނު އެ މަޤާމަށް އައްޔަނު ކުރައްވައިފައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި މުހައްމަދު ހަމީދު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމުންނެވެ.

މިކަން ހާމަކުރައްވައި ފުލުހުން ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން މުޙައްމަދު ޙަމީދު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައި ވާތީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ކޮމިޝަނަރެއް އައްޔަނު ކުރެވެންދެން ކޮމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނެ ފަރާތަކީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް ކަމުގައި ހޯމް މިނިސްޓަރު ޢިމްރާން  ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެހެންކަމުން އިއްޔެ އިން ފެށިގެން މަންނާނަކީ އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމުގައި ހޯމް މިނިސްޓަރު އިމްރާން  ވަނީ ހަމަޖައްސާފައެވެ.

ރައީސް  ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭތީ އޭރު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މަންނާން ވަނީ އެ އަހަރުގެ މޭ މަހު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.

މަންނާނުއަށް އަލުން ވަޒީފާ ދިނީ ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުންނެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރީ ނޮވެމްބަރު 19، 2018 ގައެވެ. އޭނާ ވަނީ 29 އަހަރު ފުލުހުންގެ އިދާރާ އަށް ޚިދުމަތް ކުރައްވާފައެވެ.

އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމަށް މަންނާން އައްޔަނު ކުރައްވާފައި ވާއިރު މާދަމާ ފެށޭ އައު ރިޔާސީ ދައުރާއެކު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް އާ ޕޮލިސް ކޮމިޝަނަރެއް އައްޔަން ކުރައްވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!