ކަރަންޓީނު ވާންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ދޭން ޖެހޭ ގޮތަށް ކޮމިޓީއިން ފާސްކޮށްފި

ކޮވިޑް-19ގެ ސަބަބުން ކަރަންޓީނުގައި ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސަން ޖެހޭ ގޮތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު އިޖުތިމާއީ ކޮމިޓީއިން ފާސްކޮށްފި އެވެ.
އެ ބިލުގައި ބުނެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނިކޮށް ރާއްޖޭއިން ބޭރުން އައިސް ނުވަތަ އެއްވެސް ހާލަތެއް ދިމާވެގެން ކަރަންޓީނުގައި ހުންނަން ޖެހޭ މުވައްޒަފަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި މުސާރަ ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ވެސް އެ ހާއްސަ ޗުއްޓީ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އެ ޗުއްޓީ ހަމަޖައްސައިދޭން ވަޒީފާ ދޭ ފަރާތަށް ލާޒިމް ވާނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ މީހަކު ސޮއިކޮށް ދީފައިވާ ލިޔުމެއް ދެއްކުމުން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އޭގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދަތުރުފަތުރާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސްއެޅޭ ފަރާތްތަކަށް ވެސް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.