އެ ހުށަހެޅުމަށް ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން މުހައްމަދުދީދީ ތާއީދުކުރެއްވުމުން، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން އަށް މެމްބަރުންގެ އަގުލަބިއްޔަތުން އެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.
މައުސޫމް އަލުން ހުވާކުރައްވަން ރައީސަށް ލަފާދޭން ފާސްކޮށްފި
ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް މަގާމުގެ ހުވާ ކުރެއްވީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތާ ހިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން، އޭނާ އަލުން މަގާމުގެ ހުވާ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވާ ގޮތަށް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ފާސްކޮށްފި އެވެ.
މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން މައުސޫމަށް ރުހުން ދިނުމަށް ނިންމައި ކޮމިޓީ ރިޕޯޓު އިއްޔެ މަޖިލީހަށް ހުށަހެޅިއިރު މަޖިލީހުން ވަނީ އެ ރިޕޯޓު އަނބުރާ ކޮމިޓީ އަށް ފޮނުވާލާފައެވެ.
މައުސޫމަށް ރުހުން ނުދީ އަނބުރާ ކޮމިޓީ އަށް ފޮނުވާލަން ނިންމީ ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު އަމިއްލަ ކުންފުންޏެއް ހިންގުމުގައި އޭނާ ހުންނެވުމާ ގުޅިގެންނެވެ. މައުސޫމް އެ ކުންފުނިން އިސްތިއުފާ ދެއްވީ މަގާމުގެ ހުވާ ކުރެއްވުމަށްފަހުއެވެ.
އެކަމާ ގުޅިގެން މިއަދު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ. އެގޮތުން، ބައެއް މެމްބަރުން ވިދާޅުވީ، މާލީ މަންފާއެއްގެ ވާހަކަ ގާނޫނު އަސާސީގައި ބުނާތީ، އަލުން ހުވާ ނުކުރައްވައި، މައުސޫމަށް މަޖިލީހުން ރުހުން ދެވިދާނެ ކަމަށެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވަނީ ހުވައާ މެދު ސުވާލު އުފެދިފައިވާތީ ވަޒީރުކަމުގެ ހުވާ އަލުން މައުސޫމް ކުރައްވަން ރައީސް ސޯލިހަށް ލަފާ އަރުވާން ހުށަހަޅާފައެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދުދީދީ އެވެ.