ޚަބަރު ސަރުކާރު

ރައީސް މުޢިއްޒުއާއިއެކު ރައްޔިތުންގެ ވަރަށް ގިނަ އުއްމީދުތަކެއް އެބަހުރި: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއިއެކު ރައްޔިތުންގެ ވަރަށް ގިނަ އުއްމީދުތަކެއް އެބަހުރި ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައިވާއިރު، ރައީސް މުޢިއްޒުއާއިއެކު ހުންނެވިކަން ހާމަކޮށްދެއްވައި ޝިޔާމް ވިދާޅުވީ، މަޖިލީހާއެކު ޕާޓީގެ ނައިބު ރައީސެއްގެވެސް މަސްޢޫލިއްޔަތާއެކު މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަދު މެންބަރުންކޮޅަކާއެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ މުހިއްމު މަސްޢޫލިއްޔަތު ވެގެންދިޔައީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތަކަށް ކަމަށެވެ.

"އެންމެ ބޮޑު ގޮންޖެހުމަކަށްވީ ޕާޓީގެ ރައީސް ރައީސް ޔާމީން ޙައްޤުނޫން ސިޔާސީ ޙުކުމެއްގައި ޖަލުގައި ޤައިދުކޮށްގެން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤު ސަރުކާރުން ނިގުޅައިގަނެގެން ކުރިމަތިކުރުވި ދަތި ދުވަސްތަކެވެ. ދާއިރާތަކުގެ ލޮބުވެތި ރައްޔިތުންގެ އިތުރުން ޕާޓީގެ ލީޑަރޝިޕް، ޕީޖީ ގްރޫޕް މެންބަރުން، ސެނެޓަރުން، ދާއިރާތަކުގެ ރައީސުން، ރަށްރަށުގެ ސްޓިއަރިންގ ކޮމިޓީތަކުން އަދި ޚާއްޞަކޮށް ޕާޓީގެ އާއްމު މެންބަރުންގެ އިތުރުން ރާއްޖޭގެ މީޑިޔާތަކުން ލިބުނީ އާދަޔާ ޚިލާފު ފުރިހަމަ އެއްބާރުލެއްވުމެކެވެ. ނަތީޖާއަކަށްވީ ﷲ ގެ ތަނަވަސް ރަޙުމަތުން 2023 ގެ ރިޔާސީ އިންތިޚާބު ދިވެހީންގެ ކެންޑިޑޭޓު ޑރ.މުޢިއްޒު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އެތައް ބައެއްގެ ލޯތްބާ އެހީތެރިކަމާއެކު ކާމިޔާބުކުރެއްވުމެވެ. އިންތިޚާބުގައި އެހީތެެރިވެ ދެއްވި ހުރިހާ ފަރާތްތަކަށް މިއަދުވެސް ހިތުގެ އެންމެ ފުންމިނުން އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ." ޝިޔާާމް ކުރެއްވި ޕޯސްޓުގައިވެއެވެ.

އެ ޕޯސްޓުގައި ވަނީ އިންތިޚާބީ ރައީސެއްގެ ގޮތުގައި ރައީސް ޑރ. މުޢިއްޒު އޭރުގެ ސަރުކާރަށް ކުރެއްވި ފުރަތަމަ އިލްތިމާސަކީ ރައީސް ޔާމީން ކުޑަމިނުން ގެކޮޅަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގެން ކުރެއްވި އިލްތިމާސް ކަމަށާއި، ޖެހިގެން އައި ދުވަހު ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެވުނު ކަމަށެވެ.

ވެެރިކަން ބަދަލުވުމާއިއެކު ދިވެހިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނު ކަމަށް ވިދާޅުވެ، ޝިޔާާމް ވަނީ ރައީސް ޑރ. މުޢިއްޒުގެ އައު ސަރުކާރުން ކުރައްވަންހުރި ކަންކަން ގިނަ ކަމަށާއި، އެ ހުރިހައި ވަޢުދުފުޅުތަކެއް  ބަހުން ބަހަށް އަދި އަކުރުން އަކުރަށް ދެލި ކުރެވި 953 ގަނޑުގެ ބޯފޮތެއްގައި ޝާއިޢު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

"އެއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތަކަށް ފުރަގަސް ނުދެއްވާނެކަމުގެ ދަލީލެކެވެ. ދެފުށްފެންނަ ވެެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަމެކެވެ. ރައީސް ޑރ.މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދެވެ. إن شاء الله އެމަނިކުފާން ތަފާތު ދައްކަވާނެއެވެ." މިނިސްޓަރު ވިދާޅުވިއެވެ.

ޕީޕީއެމްގެ ރައީސް، ރައީީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގެންފައިވާއިރު، އެމަނިކުފާނު އުފައްދަވާ އައު ސިޔާސީ ޕާޓީގެ މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން އާދިއްތަ ދުވަހު، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގައި އެދޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!