ޚަބަރު ރައްޔިތުންގެ މަޖިލިސް

ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް އަލުން ހުވާކުރަން ކޮމިޓީން ލަފާދީފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މަޢުޞޫމް މަޤާމުގެ ހުވާ ކުރެއްވިއިރު ކުންފުންޏެއްގެ ވެރިއެއްގެ ގޮތުގައި ހުންނެވުމުން އަލުން އެމަނިކުފާނު ހުވާކުރެއްވުމަށް ލަފާ ދިނުމަށް މައްސަލަ ދިރާސާ ކުރެއްވި ކޮމިޓީން ނިންމަވައިފިއެވެ.

Ads by Hajj Corporation

މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގެ ހުވާ ކުރެއްވިއިރު ކުންފުންނެއްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވިކަމަށާ، އެމަޤާމުން ވަކިވެވަޑައިގެންފައިވަނީ މަޤާމުގެ ހުވާކުރެއްވިފަހުންކަމަށް މަޖިލީހަށް އިކޮނޮމިކް މިނިސްޓްރީން ޙިއްސާކުރައްވާފައިވާ މަޢުލޫމާތުން އެނގެން އޮތްކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މައުސޫމް މަޤާމުގެ ހުވާކުރައްވާފައިވަނީ، ޤާނޫނާ ޚިލާފަށް ކަމުގައި މަޖިލީހުގެ ތަޅުމުގައި، މެމްބަރުން ފާހަގަކުރެއްވުމާއި ގުޅިގެން ޑރ.މަޢުޞޫމަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިވަނީ އަންގާރަ ދުވަހުއޮތް މަޖިލީހުގެ ޖަލްސާގައެވެ. އެދުވަހުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ މައުސޫމް މަޤާމުގެ ހުވާ ކުރެއްވިއިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ކަމަކަށާ، އެމަޤާމުން އިސްތިއުފާ ދެއްވާފައި ނުވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި ޤާނޫނު އަސާސީގައި ބުނާގޮތުން ވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވަޒީރުކަމުގެ މަޤާމަށް އައްޔަނު ކުރެވޭ ބޭފުޅުން އެފަދަ މަޤާމެއްގައި ހުންނެވި ނަމަ، އެ މަޤާމަކުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ވެސް މެންބަރުން ވިދާޅުވެފައިވެއެވެ. މައުސޫމްގެ ހުވާކޮށްފައި ވަނީ ޤާނޫނު އަސާސީގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަކޮށްގެންތޯ ކަށަވަރު ކުރަންޖެހޭނެ ކަމަށްވެސް މެންބަރުން ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!