އެއްޗެއް ބީވެގެން ދިއުމުގެ ކުރިން އެ އެއްޗެއްގެ އަގުވަޒަން ކުރަން ދަސްކުރާށެވެ.
އެއްޗެއްގެ މުހިއްމުކަން އެނގޭނީ އެއެއްޗެއް ބީވެގެން ދިއުމުންނޭ މުސްކުޅިން ބުނެ އުޅެއެވެ. ދުނިޔޭގެ މޮޅެތި ލިޔުންތެރިންވެސް މި މޭރުމުން ލިޔުއްވާފައި އެބަ ހުއްޓެވެ. މޮޅެތި ވާހަކަ ދެއްކުންތެރިންގެ ވާހަކަ ތަކުގައި ވެސް މިކަމަށް އަލިއަޅުވާލައި ވާހަކަ ދައްކާފައި އެބަހުއްޓެވެ. ކޮންމެއަކަސް މި އެންމެން މިވާހަކައެއް މާ އަޑަށް ބާރުލާ މި ދައްކަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިކަމުގައި އެތައް ސަބަބެއް ވާކަން ކަށަވަރެވެ. ހަމަ ހަގީގަތުގައި ވެސް އެއްޗެއްގެ މުހިއްމުކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އެނގެނީ އެ އެއްޗެއް ބީވެގެން ދިއުމުންނެވެ.
އެއްޗެއް ބީވެގެން ދިއުމުން ފަހުން ދެރަވާނެ އެއްޗެއްގެ ވާހަކަ ދައްކަން ބަލާއިރު އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ސިކުނޑިއަށް އަންނަނީ ވަޒީފާ އެއްގެ ވާހަކައެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި މިއަދު ވަޒީފާއެއް ހޯދުމަކީ ނުހަނު އުނދަގޫ ކަމެކެވެ. ވަޒީފާއެއް ނުލިބިގެން އެތަކެއް ޒުވާނުންނެއް ނަފްސާނީ ގޮތުން ވެސް ބަލިކަށިވެފައިވާ ވާހަކަ އަކީ ދޮގު ވާހަކައެއް ނޫނެވެ. ރަނގަޅު މުސާރައެއްގައި ރަނގަޅު ވަޒީފާއެއް ލިބޭނީ ވަރަށް ނަސީބު ގަދަ މީހަކަށެވެ.
އެތައް ވަރަކުން އެކި ތަންތަނަށް ވަޒީފާއަށް ލައިގެން ވަޒީފާ ލިބުމުން އެ ވަޒީފާގެ މުހިއްމުކަން ދަންނަން ވާނެ ނޫންތޯއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް ޒުވާނުންނަށް ވާ ގޮތަކީ ވަޒީފާގައި ދުވަސްކޮޅެއް ވުމުން ވަޒީފާ އަށް ފަރުވާ ކުޑަ ކުރެވެނީ އެވެ. ވަޒީފާއަށް ދާ މާހައުލަށް ހޭނި އެހާ ފަރުވާތެރިކަމެއް ބަހައްޓަން ބޭނުން ނުވަނީއެވެ. ނަތިޖާ އަކަށް ވަނީ ވަޒީފާއަށް ގަޑިޖެހި ކުރަން ޖެހޭ މަސައްކަތްތައް ވަގުތުން ވަގުތަށް ނުނިންމުމެވެ. މި ކަމުގެ ސަބަބުން ވަޒީފާއިން ވަކިކުރާ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ. ކޮންމެއަކަސް މިގޮތަށް ވަޒީފާއަށް ފަރުވާ ކުޑަ ކުރުމުން ވަޒީފާ އިން ވަކިވެސް ކުރާނެތާއެވެ. ނަމަވެސް އޭރުން އޮންނަނީ ވަގުތު ފާއިތު ވެފައެވެ.
ވަޒީފާއެއް ލިބުމުން އެ ވަޒީފާގެ މުހިއްމުކަން އަމިއްލައަށް އެނގެން ވާނެއެވެ. ވަޒީފާ ތިމާއަށް މިއަދު މުހިއްމުވާ މިންވަރު ވިސްނާލަން ވާނެއެވެ. ވަޒީފާ ހޯދުމަށް ޓަކައި ތިބާ ކުރިހާ ބުރަ މަސައްކަތްތަކުގެ މަތިން ހަނދާން ކޮށްލަން ވާނެއެވެ. ވަޒީފާ އަކީ ތިބާގެ ދިރިއުޅުމަށް ކިހާ މުހިއްމު އެއްޗެއްކަން އެނގެންވީ އެ ވަޒީފާ ގެއްލުމަކުން ނޫނެވެ. ވަޒީފާގައި ހުއްޓާ އެ ވަޒީފާގެ އަގުވަޒަން ކުރަން ދަސްކުރަމާ ހިނގާށެވެ.
އަނެއްކާވެސް އެހެން މިސާލަކަށް ބަލާލަމާ ހިނގާށެވެ. އައު ފޯނެއް ގަންނަ ދުވަސްކޮޅުގައި ގިނަ މީހުން އެ ފޯނަކަށް ވަރަށް ބަލައިގެން ގެންގުޅޭ މަންޒަރު ފެނެއެވެ. ނަމަވެސް އެ ފޯނަށް ގިނަ ދުވަސް ވާ ވަރަކަށް ފޯނަށް މާ ބޮޑު ސަމާލުކަމެއް ނުދޭނެއެވެ. އެފޯނު ވެއްޓުނަސް އެއީ މާ ބޮޑު ކަމަކަށް ނުވާނެއެވެ. އެންމެ މޮޅު އެޕަލް ފޯނެއް އެތައް ހާސް ރުފިޔާއެއް ދީގެން ގަނެފައިވެސް ދެތިން މަހެއް ވާއިރަށް އޮންނަނީ އޭގެ މަތިން ފޫހިވެފައެވެ. ނަމަވެސް އެއީ ކަންތައްތައް ވާން ޖެހޭ ގޮތް ބާވައެވެ؟ ގިނަ ފަހަރަށް މިހާރު މީހުން ފޯނު ގަންނަނީ އިންސްޓޯލްމަންޓު ޕުލޭނަށެވެ. އެ ފޯނަށް އަގުދައްކާ ނިމެނީ އެތައް މަހެއް ފަހުންނެވެ. ނަމަވެސް ފަރުވާ ކުޑަކަމުގެ ސަބަބުން އޮންނަނީ އެ ފޯނު ހަލާކު ވެފައެވެ. އެ ފޯނުގެ މުހިއްމުކަން މި އެނގެނީ އެ ފޯނަށް ވާނެ ގޮތެއް ވެ ނިމުމުންނެވެ. ނަމަވެސް އޭރު އޮންނަނީ ވަގުތު ފާއިތުވެފައެވެ.
އަޅުގަނޑުމެން މިއަދު ކޮވިޑް-19 މުޅި ރާއްޖޭގައި ފެތުރެމުން ދާއިރުގައިވެސް އުޅެނީ މާސްކު ނާޅައެވެ. އަތް ނުދޮވެއެވެ. މަސްދަތުރު ތައް ދިއުމާއި ޕާޓީތައް ބޭއްވުމުގައި އަތުކުރި އޮޅާލައިގެން އުޅޭއިރު މި ބަލީގެ ނުރައްކާތެރިކަން ވިސްނައެއް ނުލައެވެ. ނަމަވެސް ދުވަސްކޮޅެއްގެ ފަހުން ހުން އައިސް ރޯގާ ޖެހި މީހާ ބަލިވުމުން ސިއްހީ މާހިރުންގެ ބަސް ގަބޫލު ނުކުރެވުމުން އިންތިހާއަށް ދެރަވެއެވެ. ނަމަވެސް އޭރުން އޮންނަނީ ވަގުތު ފާއިތުވެފައެވެ. އަޅުގަނޑުމެން ދުޅަހެޔޮ ސިއްހަތުގެ އަގު ވަޒަން ކުރަންވީ ބަލިވީމައެއް ނޫނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުއްޓައެވެ.
މިއީ އަދި ދެތިން މިސާލެވެ. ތިމާއަށް އަޅާލައި ތިމާދެކެ ލޯބިވާ މީހުންގެ އަގުވެސް ވަޒަން ކުރަންވާނީ އެމީހަކު ތިމާގެ ދިރިއުޅުމުން ދިއުމަކުން ނޫނެވެ. ބީވެގެން ދިއުމަކުން ނޫނެވެ. އެ މީހަކު ކައިރީގައި ހުއްޓައެވެ.
އާނއެކެވެ. މުސްކުޅިން ބުނެ އުޅެނީ ތެދު ވާހަކައެކެވެ. އެއްޗެއްގެ މުހިއްމުކަން ނުވަތަ އެއްޗެއްގެ އަގު އެނގެންވީ އެ އެއްޗެއް ތިމާގެ އަތުގައި ވަނިކޮށެވެ. ބީވެގެން ދިޔުމުންނެއް ނޫނެވެ.
ޥަރަށް ފުރިހަމަ