ދީން

ހުކުރު ޚުޠުބާ: އިޚްލާޞްތެރިކަމާ އެކު ﷲ އަށް ވަކީލު ކުރުމަކީ މުއުމިނު އަޅުތަނުންގެ މައްޗަށް ވާޖިބެކެވެ.

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އިޚްލާޞްތެރިކަމާ އެކު ﷲ އަށް ވަކީލު ކުރުމަކީ މުއުމިނު އަޅުތަނުންގެ މައްޗަށް ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ads by STELCO

ޙައްޤު ގޮތުގައި ﷲ އަށް ވަކީލުކުރުމުގެ މައްޗަށް ބަލާލައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ބުނެފައި ވަނީ ﷲ އަށް ވަކީލު ކުރުމަކީ އިސްލާމް ދީނުގެ ރިވެތި އަޚްލާޤުގެ ތެރެއިން ހިމެނިގެންވާ މަތިވެރި މާތް ސިފައެއް ކަމަށެވެ.

ﷲ އަށް ޙައްޤު ގޮތުގައި ވަކީލުކުރުމަކީ ޔަގީންކަމުގެ އެންމެ މަތީ ދަރަޖަ ކަމަށާއި ކުއްތަންވެގެންވާ މީހުންގެ މަތިވެރި ޝަރަފު ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

"ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑިއެވެ. ތައުހީދުގެ އެންމެ މަތީ ދަރަޖައެވެ. އީމާންކަމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެކެވެ. އީމާންކަން ފުރިހަމަވުމަށްޓަކައި ކޮންމެހެން ލާޒިމު ކަމެކެވެ. އަޅުކަމުގެ ތެރެއިން މަތިވެރިވެގެންވާ އަޅުކަމެކެވެ. އެހެންކަމުން އިހްލާސްތެރިކަމާ އެކު ﷲ އަށް ވަކީލު ކުރުމަކީ މުއުމިނު އަޅުތަނުންގެ މައްޗަށް ވާޖިބެކެވެ." ޚުޠުބާގައި ބުނެފައވެއެވެ.

ޚުޠުބާގައި އިތުރަށް ބުނެފައިވަނީ މާތްﷲ މި ކާއިނާތުގެ ކަންކަން ތަދްބީރު ކުރައްވައި ރާއްވަވައި ހިންގަވަނީ އެކަލާނގެ ލައްވާފައިވާ ކައުނީ ސުންނަތްތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށާއި ކޮންމެ ކަމެއް ވެސް ވުމަށްޓަކައި އެކަލާނގެ ލައްވާފައިވާ ދުނިޔަވީ ސަބަބުތަކެއް ވާ ކަމަށެވެ. އަދި އެ ސަބަބުތަކުގައި ހިފުމަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އެކަލާނގެއަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައެވެ.

"އެ ސަބަބުތަކަކީ ކަމެއް ހާސިލްކުރުމުގައި މުހިންމު ކަމެއް ނޫން ކަމުގައި ދުށުމަކީ ސިކުނޑީގެ އުނިކަމެކެވެ. އަދި އިސްލާމް ދީން ގޮވާލާ ގޮތެއްވެސް ނޫނެވެ. ހަމައެއާއެކު ހަމައެކަނި އެ ސަބަބުތަކަށް ބަރޯސާވުމަކީ އިސްލާމީ އަގީދާއާ ފުށުއަރާ ކަމެކެވެ. އެހެންކަމުން އަޅާގެ މައްޗަށް އޮތީ ސަބަބުތަކުގައި ހިފައި ﷲ ތައާލާއަށް ބަރޯސާ ވުމެވެ. އެހެނީ ހަގީގަތުގައި ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފުމާއެކު ސަބަބުތައް މެދުވެރިކުރައްވާ ރަސްކަނލާގެއަށް ބަރޯސާވުމެވެ. އަދި އެކަންކަން ހިންމަވައި ދެއްވަނީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އަރަހުށި ﷲ ކަން ހިތުގެ އަޑިން ކަށަވަރުކޮށްގަތުމެވެ. ފަހެ އެއިލާހު އިރާދަކުރައްވާ ގޮތަކަށް މެނުވީ މި ކާއިނާތުގައި އެއްވެސް ކަމެއް ނުހިނގާނެއެވެ." ޚުޠުބާގައި ބުނެފައުވެއެވެ.

ޚުޠުބާގައި ބުނެފައި ވަނީ ﷲ އަށް ވަކީލުކުރާ ތައުހީދުގެ އަހުލުވެރިންގެ ގޮތަކީ ހަމައެކަނި ސަބަބުތަކަށް ބަރޯސާނުވުން ކަމަށާއި ހަމައެއާއެކު އެސަބަބުތަކަށް އިހުމާލުވެ ދޫކޮށް ވެސް ނުލުން ކަމަށެވެ. ނަމަވެސް ސަބަބުތަކުގައި ހިފައި ސަބަބުތައް މެދުވެރިކުރައްވާ އާލަމުތަކުގެ ވެރި ރަސްކަލާނގެއަށް އުންމީދުކުރުމާއި ﷲ އަށް ރުޖޫއަވެ، އެމީހެއް ހުރިހާކަމެއް އެ ކަލާނގެއާ ހަވާލު ކުރުން ކަމަށެވެ. އަދި ރަމަލު ޖެހުމާއި، ފާލުބެލުމާއި އަތްބެލުމާއި، ތަވީދު އެޅުން ފަދަ ޝިރުކުގެ އަމަލުތަކުން ދުރުވެ އެއްކިބާ ވުމަށް ވެސް މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

"ވަކީލުކުރުމަކީ ﷲ ތައާލާ ނިޔާކުރައްވާފައިވާ ސަބަބުތަކުގައި ހިފުން ނަފީކުރާކަމެއް ނޫނެވެ. ފަހެ ހަމަކަށަވަރުން ﷲ ތައާލާ ވަނީ ވަކީލުކުރުމަށް އަމުރު ކުރެއްވުމާއެކު ސަބަބުތަކުގައި ހިފުމަށް ވެސް އަމުރު ކުރައްވާފައެވެ. ފަހެ ސަބަބުތަކުގައި ހިފުމަށް އަމަލީ ގޮތުން މަސައްކަތް ކުރުމަކީ ﷲ އަށް ވެވޭ ކިޔަމަން ގަތުމެކެވެ. މިކަމުގައި މީސްތަކުންނަށް ކެހި ލިބިގެން ދަނީ ވަކީލުކުރުން ކުޑަވުމުންނެވެ. އަދި ހަމައެކަނި ސަބަބުތަކަށް ބަރޯސާވުމުންނެވެ." ޚުޠުބާގައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!