ސަޢުދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނާއި އުމްރާވެރިންނަށް ކޮށްދެއްވަމުންގެންދަވާ ޚިދުމަތުގެ އަގުވަޒަންކުރައްވައިފި
ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތުގެ އަގުވަންކުރައްވައިފިއެވެ.
މިކަން ފާހަގަކުރައްވާފައިވަނީ މިއަދު ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ ތައުފީޤު ބިން ފައުޒާން އައްރަބީޢާއާ ބައްދަލުކުރައްވައި އެކަމަށް ޚާއްޞަ ހަނދާނީ ލިއުމެއް އެމަނިކުފާނަށް އަރުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޑރ ޝަހީމްގެ ވާހަކަފުޅުގައި ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނާ މެދު ވަރަށް ދީލަތިކޮށް މުޢާމަލާތުކުރައްވައި އަގުހުރި ޚިދުމަތެއް ދަނީ ދެއްވަމުންނެވެ. މިގޮތުން ޙައްޖު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ކޮށްދެއްވަމުން ގެންދަވާ ޚިދުމަތް ފާހަގަކުރެއްވިއެވެ.
އަދި މާތް ދެހަރަމްފުޅަށާއި ޙައްޖާއި ޢުމްރާއަށް އަންނަ މީހުންނާއި މަދީނާ އަށް ޒިޔާރަތްކުރާ މީހުންނާ މެދު ބަހައްޓަވާ ދީލަތި ކަމަށްޓަކައި ސަލްމާން ރަސްގެފާނާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނަށް ޑރ. ޝަހީމް ޝުކުރު އަދާކުރެއްވިއެވެ. ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ޙައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް ޑރ ޝަހީމް އެދިވަޑައިގަތެވެ.
ހައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރކުރުމަށް ދިވެހި މީޑިޔާ އަށް ފުރުޞަތު ދެއްވުމަށް ވެސް ޑރ ޝަހީމްވަނީ އެދިވަޑައިގެންފައެވެ.އަދި ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކުރުމާ މެދު ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
އަދި ޙައްޖު އުމްރާ ޚިދުމަތް ފަސޭހަކޮށް ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯއްދަވަން ރައީސް ޑރ މުޙައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޑރ ޝަހީމް ހައްޖު މިނިސްޓަރާއެކު އޮތް ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ. ޑރ ޝަހީމް ވަނީ ސައުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ ތައުފީޤަށް ފަސޭހަފުޅު ދުވަހަކުން ރާއްޖެވަޑައިގެންނެވުމަށް ދައުވަތު ދެއްވާފައެވެ.
މީގެ އިތުރުން ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން ރާއްޖޭގައި ތަޤުރީރެއް ކުރެއްވުމަށް ވެސް ދައުވަތު ދެއްވިއެވެ. ކޮވިޑް ޕެންޑަމިކް ތެރޭގައި ޑރ ތައުފީޤު ހުންނެވީ ސަޢުދީގެ ހެލްތު މިނިސްޓަރުގެ މަޤާމުގައެވެ. އެމަނިކުފާނު ދެއްކެވި ލީޑަރޝިޕަށް ސައުދީގެ ވެރިންނާއި ދުނިޔޭގެ ތައުރީފު ލިބިވަޑައިގެންފައިވެއެވެ.
އެމަނިކުފާނު ޙައްޖު މިނިސްޓްރީއާ ޙަވާލުވެވަޑައިގަތް ފަހުން ވަރަށް މުހިންމު ހެޔޮ ބަދަލުތަކެއްވަނީ ގެންނަވާފައެވެ. އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ސަޢުދީއަށް ވަޑައިގެންނެވީ ޑރ ތައުފީޤު ބިން ރަބީޢާ ދެއްވި ޚާއްޞަ ދަޢުވަތަކަށެވެ.