ޚަބަރު ސިޔާސީ

58 ދުވަސް ތެރޭ ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ވެރިރަށުން ނޫނެކޭ ބުނެފި: ޝާހިދު

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނޫނެކޭ ބުނެފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝާހިދު މިހެން ވިދާޅުވީ މާލޭގެ މޭޔަރު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދުގެ ޓްވީޓްގައި ވިދާޅުވީ ވެރިކަމާ ހަވާލުވިތާ އެންމެ 58 ދުވަސްތެރޭ މާލޭގެ ރައްޔިތުން ރައީސް މުއިއްޒާއި އެމަނިކުފާނު ސިޔާސަތުތަކަށް ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.

ޝާހިދުގެ މި ވާހަކަފުޅު އޭނާ ވަނީ ރޭ އެމްޑީޕީން ސަލްޓަން ޕާކުގައި ބޭއްވި އިވެންޓްގައި ވެސް ތަކުރާރު ކުރައްވާފައެވެ. އެގޮތުން ވިދާޅުވީ, ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތައް ގޯސް ވެގެންނާއި, ވެރިކަމަށް އަންނަން ވެގެން ހެދި ދޮގުތަކުގެ ސަބަބުން މިއަދު މާލެއިން ސަރުކާރަށް ނޯ ބުނެފައިވާ ކަމަށެވެ.

"58 ދުވަސް ނުވަނީސް މިބޮޑު ފުރަ މާލެއިން ބުނަނީ މަނިކުފާނުގެ ސިޔާސަތުތައް ކަމަކު ނުދޭ, ބޮޑު ގޯހެކޭ  ތި ހައްދަވަނީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ, މާލޭގެ ރައްޔިތުން 45 މިނެޓުން ދުއްވާފައި ދެވޭ ފުށި ދިއްގަރުފަޅަށް ދާން ބޭނުންނުވާ ކަމަށާއި އެ ފައިސާ އެހެން ކަމަކަށް ޚަރަދު ކުރުން މާ ރަނގަޅުވާނެ ކަމަށެވެ. ވޯޓުން ރައްޔިތުން ބުނީ އެ ވާހަކަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ ބައި އިލެކްޝަން އާޒިމް ކާމިޔާބު ކުރެއްވީ 44 އިންސައްތަ ވޯޓުންނެވެ. އާޒިމްއާ އެންމެ ކައިރިން ވާދަކުރެއްވި ޕީއެންސީގެ ކެންޑީޑޭޓް އާޒިމާ ޝުކޫރަށް ލިބިވަޑައިގެންނެވީ 29 އިންސައްތަ ވޯޓެވެ.

މި އިންތިޚާބުގައި އާޒިމް އާއި އާޒިމާގެ އިތުރުން ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހް އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ހުސައިން ވަހީދު އާއި ޝުއައިބު އަލީއެވެ. މި އިންތިޚާބުގައި ވޯޓް ލާފައިވަނީ  ގާތްގަނޑަކަށް 17،442 މީހުންނެވެ.

މާލެ ސިޓީގެ މޭޔަރު އިންތިޚާބު ބޭއްވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޑރ.މުހައްމަދު މުއިއްޒު ހޮވިވަޑައިގަތުމުން ގުޅިގެން މޭޔަރުގެ މަޤާމުން އެމަނިކުފާނު އިސްތިއުފާދެއްވުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!