ޚަބަރު ސަރުކާރު ސިޔާސީ

މަޖިލިސް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިއުލާނުކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އަންނަ މާޗު މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފިއެވެ.

Ads by STELCO

އީސީން ބުނީ އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ މީހެއް ކަމުގައި ނުވުން ހިމެނޭ ކަމަށެވެ.

ހަމަ އެހެންމެ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން ހިމެނޭ ކަމަށް އީސީން ބުނެފައ ވެއެވެ.  އަދި އޮފިޝަލެއްގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުންވެސް މި ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އީސީން ހާމަކުރެއެެވެ.

މީގެ އިތުރުން އީސީން ބުނީ މިފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލު މީހަކު ކަމުގައިވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސްކޫލު ދަރިވަރަކަށް ނުވުން  މި ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ  2،650 ރުފިޔާ ހަމަޖެހިފައި ވާއިރު ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފި ނަމަ 2،350 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ  2،250 ރުފިޔާ ކަނޑައަޅާފައި ވާއިރު ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފި ނަމަ 1،000 ރުފިޔާ ލިބޭނެ ކަމަށް އީސީން ބުނެފައި ވެއެވެ.

އީސީން ބުނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކުން މާޗް މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!