ކުރީގެ ނައިބު ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
ޖޭޕީން ވަނީ ފައިސަލް ނަސީމް އެޕާޓީން ވަކިވުމަށް ސިޓީ ފޮނުވާފައިވާކަން ކަށަވަރު ކޮށްދީފައެވެ.
ފައިސަލް ޖޭޕީން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވާފައިވާއިރު ފައިސަލް ނައިބުރައީސްގެ މަގާމަށް ވަޑައިގަތީ ޖޭޕީގެ ޓިކެޓެއްގައެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ޤާސިމް އެޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު ވެސް ފައިސަލް ޖޭޕީގެ މަސައްކަތްތަކުން ނުފެނެއެވެ. އަދި މިފަހުންވެސް ޖޭޕީގެ ހަރަކާތްތަކުން ފައިސަލް ނުފެނެއެވެ.
އެންމެފަހުން ސިޔާސީ މަސައްކަތެއްގައި ފައިސަލް ފާހަގަކުރެވުނީ މާލޭ މޭޔަރުގެ ކެމްޕޭންގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްއާއެކު ހަރަކާތްތެރިވި މަންޒަރެވެ.
ނައިބުރައީސް ކަމުގައި ގިނަ ބައެއްގެ ތާއީދު ހޯއްދެވި ފައިސަލް މީގެކުރިންވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ.