ރައީސްގެ ކެމްޕެއިން ވާހަކަފުޅު ހިމެނޭ ފޮތް ހުރިހާ ރަށަކާއި ކައުންސިލްތަކަށް ބަހަނީ
މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމެނޭ ފޮތް ހުރިހާ ރަށަކާއި ކައުންސިލްތަކަށް ބަހަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ ކޮޅުމަޑުލުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، އެ ފޮތުގެ ބޭނުމަކީ ދެއްކެވި ވާހަކަފުޅުތަކާއި އެއްގޮތަށް ކަންކަން ކުރުން ކަމަށެވެ.
"ދުލުން ބޭރުކުރާ ކޮންމެ ބަހަކީ އެ ބަސް ދުލުން ބޭރުވުމަށް ފަހު އެ ބަހުގެ އަޅަކަށް އެ ބަސް ބުނި މީހާ ވާނެ. އެ ބަސް ތެދުކުރުމަކީ އެ މީހާގެ ޒިންމާއެއް. އެހެންވީމާ އެ ޒިންމާދާރުކަމާ އެކީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށް ދާނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެމްޕޭނުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް މިހާރު ވަނީ ރަނގަޅު ފެންވަރަކަށް ޗާޕްކުރެވިފައި ކަމަށެވެ. އަދި މި ހަފުތާ ތެރޭގައި މާލެ އަށް ވެސް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ހުރިހާ ރަށަކާއި ކައުންސިލްތަކަށާއި ސްކޫލުތަކާ އަދި ރަސްމީ އިދާރާތަކަށް އެ ފޮތް ފޮނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އޮންލައިންކޮށް، ޑިޖިޓަލީ ވެސް އެ ފޮތް ކިޔާލެވޭނެ ކަމަށެވެ.
ވޭމަންޑޫގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރިޔާސީ ކެމްޕޭނުގައި އެ މަނިކުފާނު އެ ރަށަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ވޭމަންޑޫއަކީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ފެއްޓެވި 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ހަތަރުވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.