އާންމުކޮށް ބޭނުންވާނެ ތަކެތި މީހުންނަށް ދަތިވާނެހެން ގަނޑުކޮށްގަނެ، ރައްކާކުރުމަކީ ހުއްދަ ކަމެއް ނޫން: ޝައިޚް ސާޖިދު
އާންމުކޮށް ބޭނުން ވާނެ ތަކެތި މީހުންނަށް ދަތިވާނެހެން ގަނޑުކޮށް ގަނެ ރައްކާ ކުރުމަކީ އިސްލާމްދީން ނަހީކުރައްވާ ކަމެއް ކަމުގައި ޝައިޚް ސާޖިދު ޢުމަރު ވިދާޅުވެއްޖެއެވެ.
އިނގެރޭސި ވިލާތުގެ ލެސްޓަރ އަށް އުފަން ޝައިޚް ސާޖިދު ޢުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މީހުންނަށް ގެއްލުންވާނެފަދަ ގޮތަށް، އެންމެން ވެސް ބޭނުންވާނެ ތަކެތި ގަނެ ރައްކާކޮށްފައި ބެހެއްޓުމަކީ އިސްލާމްދީން ނަހީކުރައްވާ ކަމެއް ކަމަށާއި އެގޮތަށް ތަކެތި ގަނެ ބަންދު ނުކޮށް ދަތިހާލުގައި ކެތްތެރިވެއްޖެނަމަ އެކަމުގެ ހެޔޮ ޖަޒާ އަޅުގަނޑުމެންނަށް ލިބޭނެ ކަމަށެވެ.
It is forbidden in Islam to buy something needed by the community in amounts that cause harm to others. We will be rewarded for avoiding hoarding of essentials and for being patient in the absence of those essentials. #covid19 #Corona #CoronaVirusUpdate
— Sheikh Sajid Umar (@sajidumar) March 12, 2020
އަލްކައުޘަރުގެ ނަމުގައި އިސްލާމީ ދައުވަތުގެ ޖަމްޢިއްޔާއެއް އުފައްދަވާ ، އިސްލާމީ ދައުވަތުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާ ޝައިޚް ސާޖިދު މިހެން ވިދާޅުވެފައި މިވަނީ، މުޅި ދުނިޔެއަށް މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް 19 ގެ ސަބަބުން ކާބޯ ތަކެތި ލިބުން ދަތިވެދާނެ ކަމަށް ބަލައި ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ގިނަ އަދަދަކަށް ކާބޯތަކެއްޗާއި އެހެނިގެން ތަކެތިވެސް ގަނެ ގޭގޭގައި ރައްކާކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.